ޅެންވެރީންގެ ދުވަސް 2023 Flipbook PDF

ޅެންވެރީންގެ ދުވަސް 2023

73 downloads 99 Views 10MB Size

Story Transcript

1


2 ޅެންވެރީންގެ ދުވަސް 2023 ޚާއްޞަ ގޮފިކޮޅު ޅެންވެރީންގެ ދުވަސް 15 ޖެނުއަރީ 2023 ދިވެހިބަހުގެ އެކެޑަމީ


3 ` ދިވެހިބަހުގެ އެކެޑަމީ މާލެ، ދިވެހިރާއްޖެ އިސްބަސް މިއަދަކީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުރިހާ ޅެންވެރީންނަށާއި ޅެންވެރިކަމަށް ލޯބިކުރާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމެވެ. ޅެންވެރީންގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އަލްއުސްތާޒު އިބްރާހީމް ޝިހާބު )ރަޙިމަހުالله(ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. ދިވެހިރާއްޖޭގެ ޅެންވެރިކަމުގެ ތާރީޚުގެ ފެށުން އޮތީ އެތައް ސަތޭކަ އަހަރެއްގެ ކުރީގައި ކަމަށް ވިޔަސް ދިވެހިރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރާތާ އަދި މިވީ ތިރީސް ހަތަރު އަހަރެވެ. 1989ން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ގޮތުން އެކި ފެންވަރުގައި މި ދުވަސް އެބަ ފާހަގަކުރެވެއެވެ. ފަހަކަށް އައިސް ޅެންވެރީންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ތިއްބެވި ނުވަތަ އުފެދުނު ކޮންމެވެސް މަޝްހޫރު ޅެންވެރިއަކަށް ތަޚުޞީޞްކޮށްގެންނެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަސް މި ތަޚުޞީޞްކުރަނީ ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ހ. ހަތިހާ އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީއަށެވެ. އެހެންކަމުން މި އަދުގެ މުނާސަބަތުގައި ރަމްލާއަށް ޚާއްޞަ ތަހުނިޔާއެއް އަރިސްކުރަމެވެ. މިއަހަރު ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އެކެޑަމީގެ ފަރާތުން ޚާއްޞަ ޖަލްސާއެއް ބާއްވާން ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި އަދަބީ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް، އިނާމުދިނުން ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ޅެންވެރީންގެ ޚާއްޞަ ގުންޒަރެއް ވެސް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުނާސަބަތާ ގުޅިގެން ޙަރަކާތްތެރި އަދަބީ ޖަމުޢިއްޔާއެއް ކަމަށްވާ "ލިޔުންތެރީންގެ ގުޅުމުގެ" ފަރާތުން ޚާއްޞަ ޙަރަކާތްތަކެއް ހިންގަވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެ ޖަމުޢިއްޔާއަށް ހިތްވަރުދެމެވެ. ބޮޑެތި އިނާމުތަކެއް ހުށަހަޅުއްވައިގެން ބޭއްވެވި ޅެން މުބާރާތުގެ ނަތީޖާ ފާޅުކޮށް "ޅެންވެރިޔާ" މަޖައްލާގެ އާ ނަންބަރެއް މި މުނާސަބަތާ ގުޅިގެން ވަނީ ނެރެފައެވެ. މި ފަދަ އަދަބީ ޙަރަކާތްތަކަކީ މި އެކެޑަމީއިން އުފަލާއެކު ބަލައިގަނެ، ހިތްވަރުދޭ ކަންކަމެވެ. ތަހުނިޔާއާއި ޝުކުރު ދަންނަވަމެވެ. އާދޭހެވެ! ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ބާރުގަދަ އެއް ރޮނގު ކަމަށް ވާތީ ޅެންވެރިކަން ކުރިއަރަމުން އައުމަކީ އަދަބިއްޔާތުގެ ދިރުން ދައްކައިދޭ ކަމެކެވެ. ކުރީން ރާއްޖޭގެ ޅެންވެރީންގެ ޢަދަދު ދެ އަތުގެ އިނގިލިތަކަކުން ގުނައިލެވޭހާ މަދު ނަމަވެސް މިއަދު ޅެންވެރީންގެ ޢަދަދު ވިޔަކުރާކަށް ވެސް ނޭނގޭނެއެވެ. އަދި ޅެމުގެ ހުރިހާ ބާވަތެއް މިއަދު ޅެންވެރިކަމުން ފެންނަކަމީ އުފާކުރުން ހައްގު ކަމެކެވެ. ތެދުފުޅެކެވެ. ޅެމުގެ ޢަދަދު ގިނަވާއިރު، ޅެމަކަށް ނުވާ ޅެންވެސް ހުންނަކަން ވެސް ގަބޫލުކުރާން ވެސް ޖެހެއެވެ. އަނެއްކޮޅުން އާދަޔާ ޚިލާފު މޮޅު ޅެންތަކާއި އެހާމެ ކުޅަދާނަ ޅެންވެރީން މިއަދު ދިވެހި އަދަބީ


4 ޖައްވުން ފެންނަކަމީ ވެސް ހަގީގަތެކެވެ. އެހެންކަމުން މިއަދު ޅެންވެރީންގެ ދުވަހެއް ފާހަގަކުރާއިރު މިކަންކަން ހިތްމައްޗަށް އައުމުން އުފާވެއެވެ. ދިވެހިބަހުގެ އެކެޑަމީގެ އިސް މީހަކަށް މިއަދު މިހުރީ އަޅުގަނޑުކަމަށް ވާތީއެވެ. މި ކުރު ބަސްކޮޅު ނިންމައިލަމުން އަޅުގަނޑު ތިޔަ ހުރިހައި ބޭފުޅުންނަށް ޔަގީންކޮށް އަރުވާން ބޭނުންވަނީ މި އެކެޑަމީގެ ޤާބިލިއްޔަތާއި ވަސީލަތްތަކާއި އިޚުތިޔާރު ނިޔާކުރާ އެންމެ މަތީ ދަރަޖައަކަށް އަދަބިއްޔާތާއި ޅެންވެރިކަން ކުރިއަރުވައި ތަރައްޤީކުރާން ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމުގައެވެ. އަދި މިހާރުވެސް ކުރަމުން އެބަގެންދަމެވެ. މި ކުރު ބަސްކޮޅާއެކު އަޅުގަނޑުގެ ވާހަކަކޮޅު މި ނިންމައިލަނީ ދިވެހި ޅެންވެރިކަމަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް ދިވެހި އަދަބިއްޔާތަށާއި ދިވެހި ބަހަށް އަބަދު ވެސް ކުރިއެރުމާއި ފާގަތިކަން އެދި ދުޢާކުރަމުންނެވެ. 23 ޖުމާދަލްއާޚިރާ 1444 15 ޖަނަވަރީ 2023 ޑރ އަޝްރަފު ޢަބުދުއްރަޙީމް ދިވެހިބަހުގެ އެކެޑަމީގެ ރައީސް


5 ރަމްލާ ޢަބްދުލްޣަނީ ހ. ހަތިހާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު )މާޒީ( މި އަހަރު ޅެންވެރީންގެ ދުވަސް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތަޚުޞީޞްކުރައްވައިފައި ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ޚާއްޞަ ޝަޚުޞިއްޔަތަކަށެވެ. އޭގެ ތެރެއިން ވެސް މިހާރު ދުނިޔޭގައި ތިއްވެބި ދެ ބޭފުޅުންކުރެ އެއް ބޭފުޅަކަށެވެ. ވަރަށް ކުޅަދާނަ އަންހެން ޅެންވެރިއަކަށެވެ. ވަރަށް ރީތިކޮށް ދިވެހިބަހުގެ ހަމަތަކާ އެއް ގޮތަށް ދިވެހިބަހުން ވާހަކަފުޅުދައްކަވާ ޚިދުމަތްތެރި ބޭފުޅަކަށެވެ. އާދޭހެވެ! ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ފާހަގަކުރައްވާ މި އަހަރުގެ ޅެންވެރީންގެ ދުވަސް މި އަހަރު ތަޚުޞީޞްކުރައްވައިފައިވަނީ ހ. ހަތިހާ އަލްއުޚުތު ރަމްލާ ޢަބްދުލްޣަނީއަށެވެ. އުފާވެރި މޫނުފުޅަކާއެކު މީހުންނާ ކުރިމަތިލައްވާ ރަމްލާއަކީ ކޮންމެ މައުޟޫޢަކަށް ވެސް ވަރަށް ފަރިތަކަމާއެކު ޅެން ހައްދަވާ ބޭފުޅެކެވެ. ޢުމުރުފުޅުން 17 އަހަރުގައި ޅެން ހައްދަވާން ފެށްޓެވި ރަމްލާ ޢަބްދުލްޣަނީ، މި ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 65 ވަރަކަށް އަހަރު ވެދާނެއެވެ. ރަމްލާ ހައްދަވައިފައިވާ ޅެންތައް، ރާއްޖޭގައި ނުކުންނަ ވަރަށް ގިނަ ނޫސް-މަޖައްލާތަކުގައި ޝާއިޢުކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި، ]ފަތްތޫރަ[އާއި، ]އަބާރަނަ[އާއި ]ހުވަނދު[ ފަދަ މަޖައްލާތައް ހިމެނެއެވެ. އަދި ލިޔުންތެރީންގެ ގުޅުމުން ނެރުއްވާ ޅެން މަޖައްލާ ]ޅެންވެރިޔާ[ގައި ވެސް ރަމްލާގެ ޅެންތައް ޝައިޢުކުރައްވައިފައިވެއެވެ. އަދި އަދަބީ ތަފާތު ވެބުސައިޓުތަކުން ވެސް ރަމްލާގެ ޅެންތައް ފެންނަކަން ފާހަގަކޮށްލެވެއެވެ. އަދި ރަމްލާގެ ބައެއް ޅެމާއި ލަވަ، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ބޭއްވޭ ޖަލްސާތަކުގައްޔާއި، ރަސްމީގޮތުން ބޭއްވޭ ބައެއް ކުޅިވަރު ޙަރަކާތްތަކުގައި މަދަރުސާ ކުދީން ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިހާތަނަށް ރަމްލާއަށް ހެއްދެވިފައިވާ ޅެމުގެ ޢަދަދު ލަފާކޮށްލަވާން އެނގިވަޑައިގަންނަވާ ވަރަށް ވުރެ ވެސް ގިނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ރަމްލާ ޢަބްދުލްޣަނީ ހައްދަވައިފައިވާ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޅެންތައް މަދެއް ނޫނެވެ. މި ފަދަ އެއް ޅެމަކީ އޭނާ ހައްދަވައި ނެރުއްވައިފައިވާ ]މެލާމެލި[ މި ޚާއްޞަ ޅެމެވެ. މިއީ، ދިވެހީންގެ ތެރޭގައި މާމެލާމެއްޔަށް ކިޔައި އުޅުނު ނަންތަކާއި، ބައެއް މާމެލާމެލި ފޮޅޭ ވަގުތާއި، ކުލަޔާއި އެ މާމަލުގެ ސިފަޔާއި، އެ މާމަލުން ހިފޭ ބޭނުންތައް ވެސް އޮޅުން ފިލުއްވައިދެއްވައި ހައްދަވައިފައިވާ 123 ބައިތުގެ ދިގު ޅެމެކެވެ. މި ޅެމުގައި 189 މަލެއްގެ ވާހަކަ ބަޔާންކުރައްވައި، މާމަލާ ބެހޭ ވަރަށް ގިނަ ތަފުޞީލުތައް ވެސް ދެއްވައިފައިވެއެވެ. މި ޅެމުގެ މުހިންމުކަން އޭރުގެ ސަރުކާރުން ފާހަގަކުރައްވައި، މާމެލާމެލީގެ މި ޅެން، ފޮތެއްގެ ސިފައިގައި އެކުލަވައިލައްވައި، 2007ަ ވ ަނ ައ ަހ ުރ ަގ ްއ ާޔިއ 2008 ވަނަ އަހަރު ތިމާވެށީގެ ދުވަހު އިސްކޫލްތަކުގެ ދަރިވަރުންނަށާއި ޢާންމުންނަށް، ސަރުކާރުން ވަނީ ހިލޭ ބައްސަވައިފައެވެ. އެއް މައުޟޫޢަކަށް އެންމެ ގިނައިން އޭނާ ޅެން ހައްދަވައިފައިވާ މައުޟޫޢަކީ ތިމާވެށްޓެވެ.


6 ރަމްލާގެ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ޅެންތަކުގެ ތެރޭގައި، ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލައާ ގުޅިގެން ހެއްދެވި ޅެމަކާއި، އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވުމުގެ ހިތާމައިގައި ހެއްދެވި ޅެން ފާހަގަކޮށްލެވެއެވެ. އަދި "ބަލާން މަޑުންނުތިބެ ވީ އަދު ފަށާށޭ"، މި ޅެމާއި "ރަމްޒަކުން ދަންނަވާ" ފަދަ ފާހަގަކޮށްލެވޭ ކިތަންމެ ޅެމެއް އެބަ ހުށްޓެވެ. ހަމަ މިފަދައިން އެމްއެންޑީއެފުން ނެރުއްވާ ޤައުމީ ލަވަ އަލްބަމަށް އޭނާ ހައްދަވައިފައިވާ "ގައުމު މި ލޯބި މަގޭ........" މި ބޮޑުބެރު ލަވައަކީ ވެސް މީހުންގެ ޖަޒުބާތުތަކާ ކުޅެލި ރީތި ލަވައެކެވެ. 2004ވަނަ އަހަރު ޑިސެންބަރު މަހު 26 ގައި ދިވެހީން ތަޖުރިބާކުރި ސުނާމީ ކާރިސާގެ ހަނދާނުގައި ރަމްލާ ހައްދަވައިފައިވާ ޅެންގޮތް )"އެ ދުވަސް"(، ފޮޓޯތަކާއެކު ވަރަށް ފުރިހަމައަށް ޗާޕުކުރައްވައި ޝާއިޢުކުރައްވައިފައިވެއެވެ. އަމިއްލަފުޅު ޚަރަދުގައި އިންޑިއާއިން 1000 ފޮތް ޗާޕުކުރައްވައި، މި ފޮތް ރާއްޖޭގެ ހުރިހާ މަދަރުސާއެއްގެ ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށް ޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހަދިޔާކުރެއްވިކަމަށް ރަމްލާ ވިދާޅުވިއެވެ. އެ ފޮތް ފުރަތަމަ ނެރުއްވީ2018 ވަނަ އަހަރު ފާހަގަކުރި ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސުން އިންތިޒާމުކުރައްވައިގެން ބޭއްވެވި އިސްކޫލް ކުދީންގެ ލަވަ މުބާރާތުގެ ފަނޑިޔާރުކަން، ގިނަ އަހަރުތަކެއް ވަންދެން ރަމްލާ ކުރައްވައިފައިވެއެވެ. މީގެ އިތުރަށް، "ދިވެހިރާއްޖޭގެ އަޑު"ން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފޮނުއްވި ޅެންބަހުރުވައިގެ ޑްރާމާ ]މަލުގެ ހާރު[ މި ޕުރޮގުރާމަށް ޅެން ތައްޔާރުކޮށްދެއްވައި ]ވޭނީ ކަރުނަ[ މި ވާހަކަ ޅެންބަހުރުވައަށް ބަދަލުކޮށްލެއްވުމަކީ ވެސް ރަމްލާގެ މަސައްކަތްޕުޅުގެ ތެރެއިން ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްޕުޅެކެވެ. މި ދެންނެވި ޕުރޮގުރާމު ދެ އަހަރެއްހާ ދުވަހު ދިވެހިރާއްޖޭގެ އަޑުން ސިލްސިލާ ގޮތެއްގައި ގެނެސްދީފައި ވާއިރު، މި ޕުރޮގުރާމު ވެފައިވަނީ މީހުން އިންތިޒާރުކުރި ޝައުޤުވެރި ޕުރޮގުރާމަކަށެވެ. ]ވޭނީ ކަރުނަ[އަކީ އުރުދޫ ވާހަކަ ލިޔުންތެރިޔާ ޢާދިލް ރަޝީދު ލިޔުއްވައިފައިވާ "ޚޫބުޞޫރަތު" މި ވާހަކަ، ގައްދޫ މުޙަންމަދު ރަޝީދު އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމަށް ފަހު އެ ތަރުޖަމާއަށް ދެއްވައިފައިވާ ނަމެވެ. މި ވާހަކަ ޅެންބަހަށް ބަދަލުކުރެއްވީ ރަމްލާ ޢަބްދުލްޣަނީއެވެ. މި ފަދަ އަސަރުގަދަ ވާހަކައެއް އޭގެ ރީތިކަން ނުގެއްލޭ ގޮތަށް ވަޒަން ބަހުރުވައަށް ބަދަލުކޮށްލުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން މި ނޫނަސް ގިނަގުނަ ކާމިޔާބީތަކެއް ވެސް ރަމްލާ ވަނީ ޙާޞިލުކުރައްވައިފައެވެ. މި ފަދަ، އެއް ކާމިޔާބީއަކީ، 1989ވަނަ އަހަރު ދިވެހިރާއްޖޭގައި ޅެންވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޅެން ހެދުމުގެ ޤައުމީ މުބާރާތުން އެއްވަނަ ޙާޞިލުކުރެއްވުމެވެ. އާދޭހެވެ! ރަމްލާ ޢަބްދުލްޣަނީއަކީ ދިވެހި ޅެންވެރިކަމަށް ޚާއްޞަ ޝައުޤެއް ބަހައްޓަވައިގެން އެ ދާއިރާއިން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ކަން ދިވެހި ސަރުކާރުން ފާހަގަކުރައްވައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 2000 ވަނަ އަހަރު ރަމްލާ ޢަބްދުލްޣަނީއަށް ސަރުކާރުން ވަނީ ދެއްވައިފައެވެ. ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގަތް ފަހުން މި ވޭތުވެދިޔަ 22 އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މި ފަންނު ދިރުވައި އާލާކުރެއްވުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. ޅެންވެރިކަމުގެ ފަންނުގައި


7 އެހީތެރިކަން ބޭނުންވާ މީހުންނަށް ހިތްވަރުދެއްވައި، ޅެންވެރިކަން ދަސްކޮށްދެއްވުމުގެ މަސައްކަތްޕުޅު ވެސް ރަމްލާ ގެންދަވަނީ މެދުކެނޑުމެއް ނެތި ކުރައްވަމުންނެވެ. ޅެންވެރީންގެ ދާދިވަރު އޮޅިއެއްކަމުގައިވާ "ޅެންވެރީންގެ ބަހާރު"ގައި މިހާރު ވެސް ޢަމަލީ ގޮތުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެ އޮޅީގައި ރަމްލާ އިސްވެ ހުންނަވައިގެން ބައިތުބާޒީފަދަ އަދަބީ އިތުރު ޙަރަކާތްތައް ވެސް ދާދިވަރުކޮށް ވަނީ ކިތަންމެ ފަހަރަކު ބައްވަވައިފައެވެ. އަދި ދިވެހިބަހުގެ އެކެޑަމީއަށް ވެސް އޭނާ ވަނީ ޅެންވެރިކަމުގެ ރޮނގުން ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ދިވެހިބަހުގެ އެކެޑަމީއިން އެދިވަޑައިގަތް ކޮންމެ ކަމެއް ވެސް އޭނާ ކޮށްދެއްވައިފައި ވަނީ، ކަށަވެތިކަމާއެކު ނުހަނު ވަރަށް ގަޔާވެވަޑައިގެންނެވެ. ދިވެހި ޅެންވެރިކަން ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި، ރާއްޖެއިން ބޭރުގައިވެސް ރަމްލާ ވަނީ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެ ގޮތުން، 2015ވަނަ އަހަރު ސާރކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ]ސާރކް ލިޓްރަރީ ފެސްޓިވަލް ފޮރ ސައުތު އޭޝިއާ އިން ޕޮއެޓްރީ"ގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ބައިވެރިވި ވަފުދުގައި ރަމްލާ ހިމެނިވަޑައިގެންފައިވެއެވެ. އެ ފެސްޓިވަލްގައި ކޮށްދެއްވީ ފާހަގަކޮށްލެވޭފަދަ މަސައްކަތްޕުޅުތަކެކެވެ. އެ ފެސްޓިވަލްގައި ސާރކްގެ އެތައް ޤައުމަކުން ޅެން ހުށަހެޅުމާއި، ޅެމަށް ފާޑުކިޔުން ފަދަ އަދަބީ ޙަރަކާތައް ހިމެނުނެވެ. އެ ފެސްޓިވަލްގައި ރަމްލާ ދިވެހިބަހުން ޅެން ހުށަހެޅުއްވުމުން، އޭނާ ހެއްދެވި އެ ޅެންތަކުގެ ތަރުޖަމާ އެހެން ބޭފުޅަކުލައްވައި އިނގިރޭސިބަހުން ހުށަހަޅުއްވައިދެއްވައިފައިވެއެވެ. މިކަން އަޅުގަނޑަށް އެނގުނީ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބުނީތީއެވެ. މީގެ އިތުރަށް ވެސް ޅެންވެރިކަމުގެ އެކި ޙަރަކާތްތަކަށް އުތުރުކަރައާއި އޮޅުދޫކަރައަށް އެކެޑެމީގެ ފަރާތުން ކުރި ދަތުރުތަކުގައި ޢަމަލީ ގޮތުން ރަމްލާ ވަނީ ބައިވެވަޑައިގެންފައެވެ. ގައުމީ އެކި މުނާސަބަތާ ގުޅިގެން ގައުމީ ޝުޢޫރުތައް ފާޅުކުރެއްވުމަށް ޓަކައި ރަމްލާ ހައްދަވައިފައިވާ ޅެންތަކަކީ ވެސް ފާހަގަނުކޮށް ދޫކޮށްލެވޭނެ ޅެންތަކެއް ނޫނެވެ. މި ގޮތުން 2004 ވަނަ އަހަރު ށ. ފުނަދޫގައި ]ދުންފަތާއި ފަގީރުކަން – ގުޅި ލާއިމެހިފައި[ މި ޝިޢާރުގެ ދަށުން ]ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް[ ފާހަގަކުރެއްވުމުގެ ޖަލްސާއަށް ހައްދަވައިދެއްވި ޅެމަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހައްދަވައިދެއްވި ޅެމެކެވެ. ]ސަލާމަތް ޞިއްޙަތެއް ދުޅަހެޔޮ ލިބޭތޯ ހިތްވަރެއް ކުރަމާ! މިލައި އަނަރޫފަވާ ހަށިތައް ސަލާމަތް ދުންފަތުން ކުރަމާ! ދަމާލާ ކޮންމެ ފަހަރަކު ދުން، ކަރުގެ ތެރެއިން އެތެރެވީމާ ތިމާގެ މެޔާއި ނާރުތަކަށް ލިބޭ ގެއްލުން ވަޒަންކުރަމާ! ފަގީރުކަމާއި ލައިމެހިފައި އެވާ ދުންފަތުގެ ބާވަތްތައް ހިނގާ ނައްތައިލަމާ ގައުމުން، ކަމަރުބަނދެ އަޒުމު އާކުރަމާ![ ހަމަ މި ފަދައިން 2007ވަނަ އަހަރު ގއ. ވިލިނގިލީގައި ރަސްމީ ގޮތުން ފާހަގަކުރިއިރު، އެ ރަށު ސްކޫލްކުދީން ހުށަހެޅި ހުށަހެޅުމަކަށް ވެސް ރަމްލާ ވަނީ ޅެން ހައްދަވައިދެއްވައިފައެވެ. ރަމްލާއަކީ އާދައިގެ ޢިބާރާތުން މީހުން ފާޅުކުރާ ޝުޢޫރުތައް ޅެންބަހުން ފާޅުކުރެއްވުމުގައި ކުޅަދާނަ ބޭފުޅެކެވެ. 2020 ވަނަ އަހަރު މުލަކަތޮޅު ދިއްގަރުގައި ފާހަގަކުރި ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ހެއްދެވި 15 ބައިތުގައި އެކަން ފާހަގަކުރައްވައިފައިވެއެވެ.


8 ]ޝަރަފުވެރި އެކި ޅެންވެރީން ނިސްބަތްވި ރަށްރަށް ބައްލަވައި ޝަރަފުވެރި ޖަލްސާ އެ ރަށްރަށުގައި ފެށީ ފާހަގަކުރާން[ އެ ޅެމުގައި އަދި ވެސް ވިދާޅުވެފައިއެވެ. ]ރީތި ނަލަނަލަ ހަނދުވަރުގެ އަލިކަން ނުފެނުނަސް މި ރަށުން މިރޭ ރީތި މާޙައުލުން ލިބުނު ހިތްހަމަޖެހުން ފާހަގަކުރަން[ ޅެންވެރީންނަށް ދިވެހި ޤައުމުގެ، އެދި އުޖާލާ ކުރިމަގެއް ދެއްވެވުން އެދިގެން ދުޢާ الله ޙަޟުރަތުގައި ކުރަން[ ރަމްލާ ޢަބްދުލްޢަނީގެ މި ފަދަ އެތައް ޚިދުމަތްތަކެއްގެ އަގު ސަރުކާރުން ވަޒަންކުރައްވައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2015ވަނަ އަހަރު އޭނާއަށް ވަނީ އަރުވައިފައިއެވެ. ރަމްލާ ޚާއްޞަވެފައި ވަނީ ހަމައެކަނި އަދަބިއްޔާތުގެ ދާއިރާއަކަށް ނޫނެވެ. އޭނާއަކީ ދައުލަތުގެ އިސް މަޤާމުތަކުގައި ނުހަނު ޤާބިލުކަމާއެކު ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އިޚުލާޞްތެރި ޚާދިމާއެއް ވެސް މެއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައްޔާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައެވެ. 1983 ފެބުރުވަރީ 1ން ފެށިގެން 1995 ޖުލައި 1ގެ ނިޔަލަށް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމާއި، ވަކީލުކަމުގެ މަގާމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީކަމުގެ މަގާމު ފުރުއްވައިފައިވެއެވެ. 1995 ޖުލައި 1ން ފެށިގެން 2008 މޭ މަހު ފުރަތަމަ ދުވަހު ވަޒީފާއިން މުސްކުޅި ކުރައްވަންދެން ރަމްލާ ޚިދުމަތްކުރައްވަމުން ގެންދެވީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. އޭރު ހުންނެވީ، އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ. މީގެ އިތުރަށް އެ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، ޑިރެކްޓަރ-ޖެނެރަލްކަމުގެ މަގާމު އޭނާ ވަނީ ފުރުއްވައިފައެވެ. މި ނޫނަސް އެތައް މަޤާމުތަކެއްގައި 42 އަހަރު މަދަނީ ޚިދުމަތުގައި ދިވެހި ދައުލަތަށް އޭނާ ޚިދުމަތްކުރައްވަމުން ގެންދެވި އިރު ވެސް އޭނާގެ އަދަބީ ޚިދުމަތަކަށް ފަނޑުކަމެއް އަޔަކަ ނުދެއްވައެވެ. ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް އެ ކަމަށް ވަގުތު ހޯއްދަވައެވެ. ޅެންވެރިކަމަކީ އޭނާގެ ޠަބީޢަތުގައި ހަރުލައިފައިވާ ޚާއްޞަ ޝައުޤަކަށްވާތީއެވެ. ރަމްލާގެ ޅެންވެރިކަމުގެ ވާހަކައަކީ މި ފަދަ ކުރު ރިޕޯޓަކުން ބަޔާންކުރެވޭ ވަރަށް ވުރެ ދިގު ވާހަކަތަކެކެވެ. ރަމްލާ ޢަބްދުލްޣަނީ މިއަދު އިސްރައްވެއްސެއްގެ މަޤާމުގައި ހުންނެވި ނަމަ ވެސް ޅެންވެރިކަމަށް ދެއްވާ ސަމާލުކަމަކަށް ކުޑަވެސް އުނިކަމެއް އަޔަކަ ނުދެއްވައެވެ. ގަވާއިދުން ޅެންތައް ދިރާސާކުރައްވައި އޭނާގެ އަދަބީ މަސައްކަތްތައް ދަމަހައްޓަވާން ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އޭނާގެ އަތްޕުޅުން، ރީތި އަތުލިޔުމުން، ލިޔުއްވައިފައިވާ ޅެންފޮތްތައް ބަލައިލުމުގެ ފުރުޞަތު ލިބިއްޖެ ކޮންމެ މީހަކު އެ ކަމަށް ހެކިވާނެއެވެ. އެ ފަދަ ކޮންމެ މީހެއްގެ ހިތުގައި ވެސް ރަމްލާއަށް އުފެދޭނީ ލޯތް ބާއި ތަޢުރީފެވެ. ސާބަހާއި އައްސަރިބަހެވެ. މި ރިޕޯޓު ތައްޔާރުކުރުމަށް ޓަކައި އެކެޑަމީގެ ރައީސާއި ނާއިބު ރައީސްގެ އަރިހުގައި ރަމްލާގެ އަރިހަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބުނެވެ. އެ ގޭތެރެއިން އަޅުގަނޑަށް ފެނުނީ އޭނާ ޅެންވެރިކަމަށް ދެއްވާ އާދަޔާ ޚިލާފު ސަމާލުކަމެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮޓަރިކޮޅަށް ވަދެވަޑައިގެން ގެނެސްދެއްވި ފޮތް ބަންޑެލީގައި އޭނާގެ ރީތި ލިޔުއްވުމުން ކުރައްވައިފައި ހުރި މަސައްކަތް ފެނުމުން، ދުށް ބަޔަކު ޝޯޚުވާހައިވެއެވެ. އަދި އެކި ޅެންތައް


9 އަޑުފުޅުން ހުށަހަޅުއްވައިދެއްވާން ބެހެއްޓެވި ޚާއްޞަ ޝައުޤާއި ލޯތްބަކީ، އޭނާގެ ހަށިކޮޅުގައި ޖަހާ ވިންދާ ޅެންވެރިކަމާ ގުޅިފައިވާ މިންވަރު ސާބިތުކޮށްދިން ކަމެކެވެ. އޭނާގެ މުޅި ޝަޚުޞިއްޔަތާ ގުޅިފައިވަނީ ޅެންވެރިކަމާއެވެ. އާދޭހެވެ! މިއަހަރުގެ ޅެންވެރީންގެ ދުވަސް ހ. ހަތިހާ އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީއަށް ތަޚުޞީޞްކުރުމަކީ ދިވެހިބަހުގެ އެކެޑަމީއަށް ލިބުނު ޚާއްޞަ އުފަލެކެވެ. އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ ރަމްލާއަށް ދުޅަހެޔޮ ޞިއްޙަތަކާއި ދިގު ޢުމުރުފުޅެއް ދެއްވުމެވެ. އޭނާގެ އަދަބީ ޚިދުމަތުން އިލްހާމު ލިބި އަދަބީ ޚިދުމަތުގައި ކުރިއަށް ދިޔުމުގެ ޢަޒުމު މި ޖީލުގެ ޒުވާނުންނަށް ދެއްވުމެވެ. ދިވެހިބަހާއި އަދަބިއްޔާތަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރުކުރައްވާށިއެވެ! އާމީން! ޅެމެއް ޅެމަކަށް ނުވާނެޔެ އޮއްޓަރެއް ވަޒަނެއް ނެތީވިއްޔާ ނިމުންތައް ހަމަތަކެއްގެ މަތިން ގެނަސް އަތުރާ ނުލެވުނިއްޔާ ލިޔާ ޝާޢިރުގެ ބަޑުގައި މަޢުނަ އޮތްކަމުގައި ވިޔަސް ޢަމުދުން ކިޔާމީހުންގެ ފަހުމަށް ދޭހައެއް ވާގޮތް ނެތީވިއްޔާ ފަށާ ފިއްޔާއި ބަޑުވައްއަކުރުތައް އެއްގޮތްވެފައި ހުއްޓަސް ދަށާ މައްޗާއި ތިރި ފުރަތަމަ ދެއަކުރުން ފިލި ދެގޮތްވިއްޔާ ފެށޭ ބައިތުގެ ޞަދުރު ނިމުމާއި، ހުރިހާ ބައިތުތަކުގެ ނިމުން ނެށޭހެން ފިލިތަކާއި އަކުރު ގުޅޭގޮތަކަށް ނެތީވިއްޔާ ވަކިން ވަކި ޤާފިޔާތަކަކަށް ޅެމެއް ބައިބައިވެފާ ވަންޏާ ވަކިން ބައިތެއް އެއާއި ޚިލާފު ގޮތަކަށް ގެންނަވައިފިއްޔާ ނިމޭ އަކުރުގެ ކުރީ އަކުރާއި ފިލި އެއްގޮތް ކުރެއްވެވިޔަސް ހިމޭންކަންނެތި މުޅިން ބަސްފުރޮޅަމުން ބައިތެއް ގުޅައިފިއްޔާ އިވޭ ފޮނި ރާގަކަށް އަކުރާއި ފިލިތައް އެތުރިފާ ހުއްޓަސް އިވޭހާ ބޭރު ލަފްޒެއް ގެނައުމަށް ޙައްދެއް ނެތީވިއްޔާ ހަދާ ވަކި އައު ޅެމެއްގައި ވެސް އުޞޫލެއް ބިންގަލެއް އޮވެގެން ހަނދާނުގެ މާބަގީޗާއަށް ލެވޭގޮތަކަށް ނުހެދުނިއްޔާ ޞަދުރު ޢަޖުޒާއި އެއްގޮތްވާނެހެން ހިތްވަރު ކުރެއްވެވިޔަސް މަދަދު އެކި ޅެންޅެމުން ފޮށިފެޅުމުގައި ޅެކަމަށް ގެނެސްފިއްޔާ ޢިބާރާތެއް ޅެމެއްގައިވާ، ޚިޔާލެއް ކޮޅުކޮޅަށް ފުރޮޅާ ކިބައިގާވާ އެހެން މީހެއްގެ މޮ ޅުކަން ނަކަލު ކޮށްފިއްޔާ އިވޭ ފޮނި ރީތި ރާގެއްގައި ކިޔޭހެން އަކުރުތައް ރާވާ ލެވޭއިރު މަޢުނައެއް ސީދާ އެނގެން ޅެމުގައި ނެތީވިއްޔާ ދިވެހި ޅެންބަހުރުވާގައި ރައިވަރާ ބަންޖާއި ކާ އަންބާ ރިވެތި ލަވަޔާ ފަރިހިތައް ހިމެނިފާވާކަން ނުއެގުނިއްޔާ އެމެއް އެމަކަށްވަނީ ހިފި މީހަކުގެ ހުރި ޖާހަކުންނޫނޭ ޅެމެއް ޅެމަކަށް ނުވާނެޔެ އޮއްޓަރެއް ވަޒަނެ އް ނެތީވިއްޔާ ޅެމެއް ނޫނީ ޅެމަކަށް ނުވާނެ ޔޫސުފް ޢަލިފުޅު – ބ. ދަރަވަންދޫ


10 ޅެމާއި ފުރޭފުގެ ތަފާތަށް ނަޒަރެއް ޢަބްދުލްމުޢީދު ޙަސަން އަދަބިއްޔާތުގެ މައިގަނޑު ދެ ބާވަތެއް ވެއެވެ. އެއީ ޅެމާއި ފުރޭފެވެ. މި ދެ ބާވަތުން ކުރެ ކޮންމެ ބާވަތެއްގައި އެތައް އެއްޗެއް ހިމެނެއެވެ. އެއިން ކޮންމެ އެއްޗަކަށް ވަކި ހަމަތަކެއް ވެއެވެ. ޅެން ހަދާ މީހާއަށް ކިޔަނީ ޅެންވެރިޔާއެވެ. ފުރޭފު ލިޔާ މީހާއަށް ކިޔަނީ ލިޔުންތެރިޔާއެވެ. ޅެންވެރިޔާ އިސްކަންދެނީ ޝުޢޫރާއި އިޙުސާސް ވާޞިލުކޮށްދިނުމަށެވެ. ލިޔުންތެރިޔާ އިސްކަންދެނީ ވަކި ވާހަކައެއް ބުނެދީ، އެ ވާހަކަ އޮޅުންފިލުވައިދިނުމަށެވެ. ޅެމުގެ ތަޢުރީފު ޅެމަކީ ވަކި މައުޟޫޢެއްގައި ވަކި ހަމައަކަށް އަތުރާލެވޭ ލަފުޒުތަކަކުން އުފެއްދޭ ވަކި ޢަދަދެއްގެ ބައިތުތަކެކެވެ. އޭގައި ވަޒަނާއި ކާފިޔާއާއި ބަނޑުވައްއަކުރު ހިމެނެއެވެ. އޭގައި ޝުޢޫރާއި ޚިޔާލާއި ސިފަކުރުމާއި މިސާލުޖެހުމާއި ޙިކުމަތް ހިމެނެއެވެ. ޅެމުގައި އިސްކަންދެވޭ ކަންކަމުގެ ތެރޭގައި، މަދު ލަފުޒުތަކެއްގައި ގިނަ މާނަތައް ޝާމިލުކުރުމާއި ، ޅެމުގެ ވަޒަނާއި އޭގެ މިއުޒިކު ހިފެހެއްޓުން ހިމެނެއެވެ. ފުރޭފުގެ ތަޢުރީފު ފުރޭފަކީ ލިޔާ ލިޔުމެވެ. ޅެމުގެ ވަޒަނާއި ކާފިޔާ އޭގައި ނުވާނެއެވެ. އެ ބިނާވެފައިވަނީ ލަފުޒުތަކަކުން އުފެއްދޭ ޢިބާރާތްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އާދައިގެ ފުރޭފާއި އަދަބީ ފުރޭފު ހިމެނެއެވެ. އާދައިގެ ފުރޭފަކީ ޢާންމު ދިރިއުޅުމުގައި މީހުން ވާހަކަދައްކައި އުޅޭ ފެންވަރުގައި ލިޔާ ލިޔުމެވެ. އަދަބީ ފުރޭފަކީ އާދައިގެ ފުރޭފަށްވުރެ ފެންވަރު މަތި އެއްޗެކެވެ. އަދަބީ ފުރޭފުގެ ތެރޭގައި އީޖާދީ ފުރޭފާއި ސިފަކުރުމުގެ ފުރޭފު ހިމެނެއެވެ. އީޖާދީ ފުރޭފުގެ މިސާލަކީ މަޒުމޫނާއި ތަޤުރީރާއި ވާހަކައާއި ވަނަވަރު ފަދަ ފުރޭފެކެވެ. ސިފަކުރުމުގެ ފުރޭފުގެ މިސާލަކީ ތާރީޚީ ހާދިސާތައް ބަޔާންކުރާ ފުރޭފާއި، ނަޤުދުކުރުމުގެ ފުރޭފެވެ. ޅެމުގެ ބާވަތްތައް މައިގަނޑު ގޮތެއްގައި ޅެން ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ޢަމޫދީ ޅެމާއި މިނިވަން ޅެމެވެ. ޢަމޫދީ ޅެމަކީ ވަކި ދިގުމިނެއްގެ ވަޒަނަކަށް ފެތިފައިވާ ޅެމެވެ. ޢާންމު ގޮތެއްގައި އޭގެ ކާފިޔާ އެއްގޮތެވެ. މިނިވަން ޅެމަކީ ވަކި ދިގުމިނެއް ނެތް ވަޒަނަކަށް ފެތިފައިވާ ޅެމެވެ. ޢާންމު ގޮތެއްގައި އޭގެ ކާފިޔާ ތަފާތެވެ. ޢަމޫދީ ޅެމުގެ ބާވަތްތައް ޢަމޫދީ ޅެމުގެ ބާވަތްތަކުގެ ތެރޭގައި އިހުގެ ތަޤުލީދީ ޅެމާއި ފަހުގެ އިބްދާޢީ ޅެން ހިމެނެއެވެ. ތަޤުލީދީ ޅެމަކީ ސާފުކޮށް މާނަ ދޭހަވާނެ، އާދައިގެ ބަސްތަކަކުން އަމުނާލެވިފައިވާ ޅެމެވެ. ފުން ޚިޔާލާއި އީޖާދީ ވިސްނުން އޭގައި ނުވެއެވެ. ނަމަވެސް ޙަޤީޤަތާ އެއްގޮތަށް ސިފަކުރުން އޭގައި ވެއެވެ. މި ބާވަތުގެ ޅެން ހަދާ ޅެންވެރިޔާގެ


11 މައިގަނޑު ގޮތެއްގައި ބުރަވާނީ ޅެމުގެ ވަޒަނާއި ކާފިޔާއާއި ބަނޑުވައްއަކުރު ހިފެހެއްޓުމާއި ރީތި ލަފުޒުތައް ބޭނުންކުރުން ފަދަ ކަންކަމުގެ މައްޗަށެވެ. ޢާންމު ގޮތެއްގައި މި ބާވަތުގެ ޅެން ހަދަނީ، ކާބަފައިންގެ ކާމިޔާބީގެ ވާހަކައެއް ބަޔާންކުރުމަށެވެ. ނުވަތަ ތާރީޚީ ހާދިސާއެއް ކިޔައިދިނުމަށެވެ. ނުވަތަ ދީނުގެ ކަމެއް އޮޅުންފިލުވައިދިނުމަށެވެ. ނުވަތަ ޅެންވެރިޔާގެ ލޮލަށް ފެނުނު ކަމެއް ފެނުނު ގޮތަށް ހާމަކުރުމަށެވެ. ދިވެހި ބަހުން ހެދިފައިވާ ގިނަ ޅެންތައް ގިންތިކުރެވެނީ މި ބާވަތުގެ ޅެމުގެ ތެރޭގައެވެ. އަދި މިހާރު ޅެން ހަދާ ގިނަ ޅެންވެރިން ވެސް ހަދަނީ މި ބާވަތުގެ ޅެމެވެ. އިބްދާޢީ ޅެމަކީ ސާފުކޮށް މާނަ ދޭހަނުވާނެ ބަސްތަކަކުން ގަތާލެވިފައިވާ ޅެމެވެ. މި ބާވަތުގެ ޅެން ބިނާކުރެވެނީ މައިގަނޑު ގޮތެއްގައި ދެ ޢުންޞުރެއްގެ މައްޗަށެވެ. އެއީ ފިކުރާއި ޚިޔާލެވެ. މި ބާވަތުގެ ޅެމުގައިވާ ފިކުރު ފުންވާނެއެވެ. ޚިޔާލު ތަނަވަސްވާނެއެވެ. ޅެމުގައި އެކުލެވޭ މާނަތައް ގިނަވާނެއެވެ. ޅެން އެތައް ގޮތަކަށް ޝަރަޙަކުރެވޭނެއެވެ. މި ބާވަތުގެ ޅެންތައް ދިވެހި އަދަބިއްޔާތުން ފެންނަނީ ވަރަށް މަދުންނެވެ. ކާފިޔާގެ ގޮތުން ޢަމޫދީ ޅެން ހަތަރު ބަޔަކަށް ބަހާލެވެއެވެ. އެއީ: 1 .ބައިތުގެ ޞަދުރުގައި ވަކި ކާފިޔާއަކާއި ޢަޖުޒުގައި ވަކި ކާފިޔާއެއް ހިމެނޭ ޅެން. 2 .ބައިތުގެ ޢަޖުޒުގައި އެކަނި ކާފިޔާ ހިމެނޭ ޅެން. 3 .ހަތަރު ޅެންފޮޅުވަތުގެ ބައިތު ހިމެނޭ ޅެން: ޢަރަބި ޅެންވެރިކަމުގައި މި ބާވަތުގެ ޅެމުގެ ކާފިޔާ އެއްގޮތްވަނީ ފުރަތަމަ ތިން ޅެންފޮޅުވަތުގައެވެ. ހަތަރުވަނަ ޅެންފޮޅުވަތުގެ ކާފިޔާ ތަފާތެވެ. 4 .ރުބާޢިއްޔާތު: މި ބާވަތުގެ ޅެމުގެ ކާފިޔާ އެއްގޮތްވަނީ ފުރަތަމަ ޅެންފޮޅުވަތާއި ދެވަނަ ޅެންފޮޅުވަތާއި ހަތަރުވަނަ ޅެންފޮޅުވަތުގައެވެ. ތިންވަނަ ޅެންފޮޅުވަތުގެ ކާފިޔާ ތަފާތެވެ. މިނިވަން ޅެން މިނިވަން ޅެމުގެ ތެރޭގައި ހިމެނެނީ މައިގަނޑު ދެ ބާވަތެކެވެ. އެއީ ވަޒަނަށް ފެތޭ މިނިވަން ޅެމާއި ވަޒަނަށް ނުފެތޭ މިނިވަން ޅެމެވެ. މި ދެ ބާވަތުގެ ޅެން ބަރޯސާވާ މައިގަނޑު އަސާސަކީ ޝުޢޫރުގެ ވަރުގަދަކަމާއި ޚިޔާލުގެ ތަނަވަސްކަމެވެ. އެއާއެކު ޖުމުލައިގެ ކުރުމާއި މިއުޒިކީ އަސަރުކުރުވަނިވި ރާގު ހިފެހެއްޓުން ވެސް ހިމެނެއެވެ. މި ބާވަތުގެ ޅެމުގެ ނަމަކަށް "އާޅެން" ކިޔުން ރަނގަޅެއް ނޫނެވެ. ވަޒަނަށް ފެތޭ މިނިވަން ޅެމުގެ ޅެން ފޮޅުވަތަށް ވަކި ދިގުމިނެއް ނެތެވެ. އޭގައި ވަޒަނެއް ވެއެވެ. އޭގެ މިއުޒިކީ އަސަރު ގަދައެވެ. ކޮންމެހެން ހިމަނަން ނުޖެހޭ ލަފުޒުތައް އެއިން އެއްކިބާކުރެވެއެވެ. މި ބާވަތުގެ ޅެމާއި ޢަމޫދީ ޅެން ވަކިކޮށްދޭ މައިގަނޑު އެއް ކަމަކީ މިއީއެވެ. ވަޒަނުގެ ދިގުމިން ހިފެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންނުވާ ލަފުޒުތައް ޢަމޫދީ ޅެމުގެ ބައިތުގައި ނުވަތަ ޅެންފޮޅުވަތުގައި ހިމަނާލެވެއެވެ. ވަޒަނަށް ފެތޭ މިނިވަން ޅެމަކީ އެފަދަ ލަފުޒުތަކުން އެއްކިބާވެގެންވާ އެއްޗެކެވެ. ވަޒަނަށް ނުފެތޭ މިނިވަން ޅެން އެކުލެވެނީ ފުރޭފިއްޔަ ޢިބާރާތުންނެވެ. ޝުޢޫރާއި ޚިޔާލަށްވުރެ ބޮޑަށް އޭގައި އިސްކަންދެވެނީ ބުއްދިއާ މުޚާޠަބުކުރުމަށާއި މާނައަށެވެ. މާނަ ދޭހަވާނެހެން ޢިބާރާތްކުރުމަށެވެ. ނަމަވެސް އޭގައި ވެސް އިޝާރާތާއި ރަމްޒާއި ސިފަކުރުން ފަދަ ކަންކަން ހިމެނެއެވެ.


12 ފުރޭފުގެ ބާވަތްތައް ފުރޭފުގެ މައިގަނޑު ދެ ބާވަތެއް ވެއެވެ. އެއީ އަދަބީ ފުރޭފާއި އާދައިގެ ފުރޭފެވެ. އަދަބީ ފުރޭފަށް ފަންނީ ފުރޭފުގެ ނަން ވެސް ދެވިފައި ވެއެވެ. އާދައިގެ ފުރޭފަށް ޢާންމު ބަސްމަގުގެ ނަން ދެވިދާނެއެވެ. ފުރޭފުގެ ބާވަތްތައް މި ނޫން ގޮތްގޮ ތަށް ވެސް ގިންތިކުރެވެއެވެ. އަދަބީ ފުރޭފު ލިޔެވެނީ ބަހަވީ ހަމަތަކާއި އަދަބިއްޔާތުގެ ފަންނީ ހަމަތަކާ އެއްގޮތަށެވެ. އޭގައި ޝުޢޫރާއި ޚިޔާލު ހިމެނެއެވެ. އޭގެ މިސާލަކީ އަދީބުން ލިޔާ ވާހަކައެވެ. އާދައިގެ ފުރޭފު ލިޔެވެނީ ދިރިއުޅުމުގައި މީހުން ވާހަކަދައްކާ އާދައިގެ ބަސްމަގުންނެވެ. އޭގައި އަދަބިއްޔާތުގެ ފަންނީ ހަމަތައް ހިފެހެއްޓިފައެއް ނުވާނެއެވެ. އަދި އޭގައި ޝުޢޫރާއި ޚިޔާލެއް ވެސް ނުވާނެއެވެ. އޭގެ މިސާލަކީ ނޫސްވެރިން ނޫސްތަކުގައި ޢާންމުކޮށް ލިޔާ ލިޔުންތަކެވެ. ޅެމާއި ފުރޭފުގެ ތަފާތު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޅެމާއި ފުރޭފުގެ ތަފާތަކީ ޅެމުގެ ވަޒަނާއި ކާފިޔާއެވެ. އާދޭހެވެ. ޅެމުގައި ވަޒަނާއި ކާފިޔާއާއި ބަނޑުވައްއަކުރު ހިމެނެއެވެ. ނަމަވެސް ޅެމާއި ފުރޭފުގެ ތަފާތުތަކުގެ ތެރޭގައި އެ ނޫން ކަންކަން ވެސް ހިމެނެއެވެ. ފުރޭފުގައި ތަޙުލީލުކުރުމުގެ އުސްލޫބު ހިމެނެއެވެ. ޅެމުގައި ސިފަކުރުމުގެ އުސްލޫބު ހިމެނެއެވެ. ޅެމުގައި ޙައިރާންކުރުވުމުގެ އުސްލޫބު ވެސް ހިމެނެއެވެ. ފުރޭފުގައި މުޚާޠަބުކުރެވެނީ އިންސާނާގެ ބުއްދިއާއެވެ. ފުރޭފު ޢިބާރާތްކުރެވެނީ އިންސާނާގެ ބުއްދިއަށް ފަހުމުވާނެ ސާފު ބަހުންނެވެ. އޭގައި ފުށުއެރުން ހިމެނިފައެއް ނުވާނެހެންނެވެ. ޅެމުގައި މުޚާޠަބުކުރެވެނީ އިންސާނާގެ ބުއްދިއާއި ޝުޢޫރާއެވެ. އެހެންކަމުން އިންސާނާގެ ޝުޢޫރާއި އިޙުސާސްތައް ހޭލައްވާލާނެ ޚިޔާލާއި ފިކުރާއި ރީތި ބަސްތައް އޭގައި ހިމަނަންޖެހެއެވެ. އަދި އެކަމަށް ޓަކައި ސިފަކުރުމާއި މިސާލުޖެހުމާއި އެފަދަ އެހެނިހެން ކަންކަން ވެސް އޭގައި ހިމަނަންޖެހެއެވެ. ޢާންމު ގޮތެއްގައި، ޅެމަކީ ކުރު އެއްޗެކެވެ. ފުރޭފަކީ ޅެމަށްވުރެ ދިގު އެއްޗެކެވެ. ޅެމާއި ފުރޭފުގެ ތަފާތުތަކުގެ ތެރޭގައި މި ނޫން ކަންކަން ވެސް ހިމެނެއެވެ. އެ ހުރިހާ ކަންކަމެއް ނުގެނައީ މަޒުމޫނަށް ކަނޑައެޅިފައިވާ ދިގުމިނުން ބޭރުވެގެންދިޔަ ނުދިނުމަށް ޓަކައެވެ.


13 ޢިޝްޤުގެ ޢާޝިޤުން މަރިޔަމް ޢިޝާ ޢަޒީޒް )އިޝްތާރު ޒިކްރު( ބުނެވޭ ގޮތުން، ދުނިޔޭގައި ދެ ބާވަތެއްގެ މީހުން ވެއެވެ. އެއް ބަޔަކީ ޢާޝިޤުންނެވެ. އަނެއް ބަޔަކީ ޢިޝްޤުގެ ޢާޝިޤުންނެވެ. އަޅުގަނޑަކީ މީގެތެރެއިން ކޮން ޒާތެއްގެ މިހެއްކަމެއް ނުދެނަހުރީމެވެ. ޔަޤީންވާ ކަމަކީ، ރަނގަޅަށް ދެލި ވެސް ނުހިނގާ ގަލަމެއްގެ ތުނޑުން ދެމޭތޯ މިއުޅޭ ކޫރުތަކުގެ ބައްޓަން ގޮސް ހުއްޓެނީ 'އިސްކު'، މި ލަފުޒަށް ކަމެވެ. ދެކެވޭތޯ މި އުޅެނީ ގަދަ ލޯތްބެއްގެ ވާހަކަ ކަމުންނެވެ. ފުން ޖަޒުބާއެއްގެ ވާހަކަ ކަމުންނެވެ. ތިލަ އަތްގޮށްޓަކަށް ނުފެތޭނެ، މާކަނޑެއް ފަދަ ފުންކަމެއްގެ ތެރެއިން މެނުވީ އުތުރި ނާރާނެ އަސަރުހުރި ޒައުޤެއްގެ ވާހަކަ ކަމުންނެވެ. އެހެން ނަމަވެސް.. އެހެން ނަމަވެސް އޭގެ ކުރީން، މިއަދާ މުނާސަބު ބަސްކޮށާރަކުން އަލުން މި މައުޟޫ ފަށަމާތޯއެވެ. ބުނެވޭ ގޮތުގައި ދުނިޔޭގައި ދެ ބާވަތެއްގެ ޅެންވެރީން ވެއެވެ. އެއްބަޔަކީ އެބައިމީހުންގެ ޚިޔާލާތުގެ ސަވާރީގައި ދުނިޔަވީ ޖަޒުބާތާއި އިޙުސާސްތައް އުފުލާ، ދުނިޔޭގެ މީހުންނަށް ދުނިޔަވީ ޅެންތަކުން ވެދުންކުރާ މީހުންނެވެ. އަނެއް ބަޔަކީ އެބައިމީހުންގެ 'ފިކުރުގެ ވަރަ' މުޅި ކާއިނާތާއި އިލާހިއްޔަތުގެ ނިޝާންތަކުގެ މައްޗަށް ފަތުރާ، ރޫޙުގެ ދެލިން 'އުޑަށް' ޅެންބައިތައް ތަޚްޞީސްކުރާ މީހުންނެވެ. އާދެ، ދުނިޔޭގެ އެކި ބައްރުގައި ލެއްވި ބަޔަކު މި ކުޑަކުޑަ ޖަޒީރާގައި ނުލައްވާންވީ ސަބަބެއް ވަކި އެބައޮތްތޯއެވެ. ނަމަވެސް ކުރާހިތްވާ ސުވާލަކީ އަދި މިއެއް ނޫނެވެ. ދޫމަތީ ލަސްލަހުން، ތަރުތީބުކޮށް އަތުރާލާން ބޭނުންވާ ސުވާލުތަކަކީ، 'އުޑާއި ބިމާ' ދެމެދު ދެކެވުނީ ކޮން ވާހަކަތަކެއް ތޯއެވެ. ޚިޔާލުތަކުން ބިނާކޮށް، މާނަތަކުން އާބާދުކޮށް، އަސަރުތަކުން ބަރާކޮށްފައި، އެ ހުރިހާ ޅެންވެރީންމެ އުފެއްދީ ކޮން ކަހަލަ ހަސްތީ ތަކެއްތޯއެވެ. އަދި، އެ ދުނިޔެތަކުގައި އެންމެ ހަލުއިކޮށް ހިނގާބިނގާވީ ކޮން މަޢުޟޫއެއްތޯއެވެ. އިސްކު؛ އާދެ އެނބުރި އަންނާން މި ޖެހުނީ އަނެއްކާ ވެސް އެއްކަލަ ލަފުޒަށެވެ. ފުރާނައެޅުއްވި ކޮންމެ އެއްޗެއްގެ މޭތެރޭ އޮވެ، ބައެއް ފަހަރު ގަދަކަން، އަނެއްބައި ފަހަރު މަޑުމޮޅިކަން ޚިޔާރުކުރާ ޖަޒުބާތަށެވެ. އާންމު، މަގުމަތީނަމުން ދަންނަވަނީ ނަމަ ލޯތްބަށެވެ. މިއީ ދުނިޔެ ލެއްވީއްސުރެން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި، އެކިއެކި ނަންނަމުން ކިރާ މިނާ އުޅެވޭ އިޙުސާސްއެކެވެ. އަޅުގަނޑުމެން ދިވެހީން ވެސް ބޯދާ ޒަމާނުއްސުރެން މި ޖަޒުބާތު މިނެކިރަން އަތްމަތިކޮށްގެން އެތައް އަލްފާޒެއް ގެންގުޅެމުއެވެ. ކުލުނު ، ހަންހާރަ، ލޭފަ، ލޮބު، ހަހަރު ؛ މިހެން ގޮސް ލުއި ލިސްޓެއްގެ ގޮތުގައި ދިވެހިބަހުގެ ރަދީފުގައި ވެސް އެތައް ލަފުޒެއް އަމުނާލެވިފައި އެބަހުއްޓެވެ. މާނަ ތަފާތެވެ. ހިމެނޭ އިޙުސާސުތަކުގެ މިންވަރު ތަފާތެވެ. ޒާތު އަދި ބާވަތްމެ ތަފާތެވެ. ހަމަ ޔަޤީނުން ވެސް މި ކަންކަން އެންމެ ރަނގަޅަށް ދެނެތިބޭނެ އެއް ބަޔަކީ، އިންސާނީ ޠަބީޢަތާ ލާމެހި އެމުނޭ ޖަޒުބާތުތަކަށް ފާރަވެރިވެ ތިބޭ އަދީބުންނެވެ. އިންސީންގެ ހިތްތަކުގައި ލައިގެން އުޅޭ ފަރުދާތައް އެބައިމީހުންގެ ކާފިޔާތަކާއި ބަނޑުވައްއަކުރާއި ވަޒަނާއި ތާލުތަކުގެ އިނގިލީން ހިއްލާ ކަޝްފުކުރާ ޅެންވެރީންނެވެ. ހިންގަވާށެވެ. 2023 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހު އުފާވެރި މެހެފިލެއްގައި ތިބެ، ދިވެހި ޅެންވެރީން "ލޯބި" ދެނެތިބީ ކިހާވަރަކަށްތޯ ބަލައިލާށެވެ. އިހުގެ ޅެންވެރީންގެ ހިޔަނިތައް މިހާރު ވެސް ހެލިފެލިވެ އުޅޭ ފަތްފުށްތައް ކުޑަކޮށް ނިއުޅާލާށެވެ. ޒަމާނީ ބަހެއް ބޭނުން ކޮށްލަނީ ނަމަ،, ޅެންވެރިކަމުގައި "ތީމް"އެއްގެ ގޮތުގައި 'ލޯބި' ބޭނުންކުރެވިފައި ހު ރި ގޮތްތަކަށް ލުއި ކަޅިއެއް އެއްލާށެވެ.


14 މައިމީހާގެ މައިވަންތަ ލޯތްބަށް ފަރިތަވަމުން އައި ކޮންމެ ދަރިއަކަށް ދަސްކޮށްދެވުނު ކަމެއް އޮތެވެ. ދެވަނަ މައެއް ވާކަމެވެ. އަދި އެއީ ހިތާއި މުޅި ޖާނުން ފިދާވެ، ފުރާނައިން ޤުރުބާން ވާން ޖެހޭވަރުގެ ފަރާތެއްކަމެވެ. އާދެ، ތިމާ ޤައުމު ދެކެ ވާންޖެހޭ ޚާއްޞަ ލޯތްބެއް އޮންނަކަމުގެ ފިލާވަޅެވެ. މިކަމުގައި އިހު ދިވެހި ޅެންވެރީން ތިއްބެވީ ފިސާރި ފޫގަޅުއްވައިގެންނެވެ. 'ޙުއްބުލް-ވަޠަން' ގެ އަޑަކީ އަޅުގަނޑުމެންގެ ކަންފަތްތަކަށް ފަރިތަ ލަފުޒެކެވެ. އަމުދުން، ދިވެހިބަހުގެ 'ބަނޑުން' އުފަންވެފައި ނުވާ އިރުމެ، މީގެ މާނައަށް އަޅުގަނޑުމެންގެ ލޭވެސް ފަރިތައެވެ. ހިތު ވިންދުހާ ދޯޅެވެ. އެތައް އެތައް ޅެމެއްގައި ދިވެހި ޅެންވެރީން މި ލޯބި، އާދެ 'ޙުއްބް'ގެ ވާހަކަ ޤައުމިއްޔަތާއި ގުޅުވައިގެން ދެއްކެވިލެއް ކިތަންމެހާވެސް ގިނަގުނައެވެ. ވީމާ، މާގިނަ ވާހަކައެއް ދެއްކުމުގެ މާނައެއްމެ ނެތެވެ. މި އިޙްސާސް ހިލުވާލަން، ދިވެހީން ފިސާރި ދޯޅު މި ބައިތު ފުދެއެވެ. ޤުރުބާންވާންވީ 'ޙުއްބް'ގައި ތާއެވެ! "ޙުއްބުލް ވަތަންގެ ސިފަތަކުން ހިތް އަދު ފުރާނަމޭ، ލައްބައިކައޭ ބުނެ ޖަވާބުދީ ޤުރުބާން ވެދާނަމޭ." - މުޙަންމަދު ޢަމީން ދީދީ – އާދެ ދެން އޮތީވެސް ލޯތްބެކެވެ. މަތިވެރިކަމާ މާތްކަމުގެ ލޯތްބެކެވެ. މުޅި އުންމަތައް އަލިކޮށްދެއްވި ރަންތަރި; ކައުއިތުރު ސާހިބާގެ މައްޗަށް މުސްލިމު ހިތްތަކުގައި ދެމޭ ނޫރާނީ ސައިލެވެ. އާދެ، ރަން ދެލީން ފޮޅުވަތްތަކާއި ޞަފުޙާތައް ފުރުއްވެވި އެތައް ޅެންވެރީންނެއް މިފަދަ ނިދާތައް ތަކުރާރުކުރެއްވެވިއެވެ. ނަމަވެސް މިކަން ހިތަށް ގެންނާން، އެންމެ ޅެމެއްގެ އެންމެ ދެތިން ބައިތުމެ ފުދެއެވެ. "ރަނެއް ދަރަޖައެއް ވެރިކަމެއް ނެދެވެޔޭ، މަ މިތުރާގެ އެއް ނަޡަރުފުޅު އެދެވެޔޭ. އެހެން މީހުނަށްދީ ޞަބާތައް އުފާ ، މަށަށް ޚަބަރު ހެޔޮ މުޞްޠަފާގެ ދެވެޔޭ. ޕަރީއެއްގެ ޙޫރެއްގެ އެދުމެއް ނެތޭ، ބަޝަރަކީމެ 'ޚަބްރުލް ބަޝަރު' އެދެވެޔޭ." - ޢަބްދުهللا ޖަލާލުއްދީން - ބައްލަވާށެވެ! ތާޒާ ހެނދުނުތަކުގެ އުފާވެރިކަމެއް، ދުނިޔަވީ ޒީނަތާއި މުދަލެއް، ޝުހުރަތެއް؛ އަދި ކިއެއްތޯ، 'ޖަންނަތުގެ ޙޫރެއްމެ' ނޭދޭ ހިތެއްގެ ގޮވުމެކެވެ. ތިމަންނާއީ އިންސާނެއްކަން ދެނަހުރި ނަފުސެއް، ދެދުނިޔޭގެ އެދުމުން ބަރީޢަވާ ސާފު މަންޒަރެވެ. މަތިވެރިވި ޠާހިރު ލޯތްބަކީ މިއީތާއެވެ. ދެން އޮތް ލޯތްބަކީތޯއެވެ! އާދެ ޢާޝިޤުންނާއި ޢާޝިޤާއިންގެ ހިތްތަކާއި ފިތްތަކުގެ ދިރުމެވެ. "ޖާމެޝަރުބަތު ޒިންދަގާނީ ނާދެނެއް ނުލިބޭނެހޭ، ދާމިފުރްޤަތުގެ ނެގިކަރުން ގޮސް ފާމަދެން ނުދިނޭނެހޭ.


15 ސާހިބާ ދެއްވުން ކިޔެއްތޯޔޭ ތިކެއް ވަޞްލުގެ ޝަރާބު ދާދި ކުޑަކޮށް ހެއިމަހުއްޓާ ފޯރުވައި ނުލެވޭނެހޭ." - ޙުސައިން ޞަލާޙުއްދީން - ބައިވެރިޔާއާ ވަކީން ދުރުގައި ޤައިދުވެ ހުރުމަށް މަޖުބޫރުކުރެވިފައިވާ ޢާޝިޤެއްގެ ކެކުޅުމެވެ. ދުނިޔޭގައި ދިރިހުރުމަށް ޓަކައި ލިބޭނެ ހަމައެކަނި ކޯވަރަކީ ، ބައިވެރިޔާއާ އަދި އެއް ފަހަރު ނަމަވެސް ބައްދަލުވުން ކަމުގައި ބުނެ ކުރެވޭ އާދޭހެކެވެ. ކޮންފަދަ ޢާޝިޤެއްތޯއެވެ! "އުންމީދު މަރުވެ ދިޔަހެން ދިޔަވެސް ނުދޭށެ އަމްދުން، ފުން ނަޒަރަކުން ބަލާލާ! ޤައިސާ އެ ލޯބި ލައިލާ ޢިޝްޤެއް އުފެދި ހިތެއްގާ ޖަޒްބާތު އޭން އުފެދިގެން 'ފިސްކޮށްލިނަމަ ފިތާމޭ' ޤިސްމަތު ވެޔޭ އުޖާލާ" - މަރިޔަމް ސަޢީދު - ޢާޝިޤާއެއްގެ ސާބިތު ބަސްތަކެވެ. މުޅި ދުނިޔެއަށް ނަޒަރު ހިންގަވާ، މިސާލު އެ ޖައްސަވަނީ ދެވަނައެއް ނެތް 'ލައިލާ އާއި މަޖުނޫން' ގެ ފަސާނާއިންއެވެ. ލޯބިވެރީންގެ ނިމުން އަންނާން ޖެހޭނީ ތާއަބަދު އެއްގޮތަކަށްތޯ ކުރައްވާ ސުވާލަކަށް ވެސް ފުދެއެވެ. އަދި އެފަދަ ލޯބިވެރީން ދުވަހަކު 'މަރުވުމެއް' ނެތި ދާއިމްވެ ތިބޭނެކަމުގައި ޚަބަރު ދެއްވަނީއެވެ. 'ޢިޝްޤު'ގެ އިންތިހާ ފިސާރި ހެޔޮކޮށް ދެނެވަޑައިގަންނަވާ ހިތެއްގެ އަލްފާޒުކަން ސާފެވެ. ވަގުތާއި ޒަމާންތަކުގެ ކާނާއިން ބޮޑުކުރާ ލޯތްބެތް ޤުރުބާން ކުރެވޭނަމަ، އެ ސާޢަތުގައި ހަމަކަށަވަރުން ދާއިމީ ނަޞްރެއް ވާކަމަށް އެ ވިދާޅުވަނީ ފިސާރި ކެރި ހުންނަވައިގެންނެވެ. ފެށުމުގައި ދެންނެވުނު ޢާޝިޤުންނަކީ މިއީއެވެ. ދުނިޔަވީ ހަޔާތުގެ ސަފަރުގައި، ދުނިޔަވީ މާޝޫޤުން ދެކެ ޙަޤީޤީ ލޯބިވުމަކީ މިއީއެވެ. ފިސާރި ހެޔޮކޮށް ދުނިޔެ ދެނެތިއްބަވައިގެން، ދުނިޔެއަށް ވެދުންކުރެއްވި ޚަޒާނާތަކަކީ ވެސް މިއީއެވެ. ނަމަވެސް ޙަޤީޤީ ހަމަޖެހުމާއި ދިރުން ލިބޭ ލޯތްބަކީ މިފަދަ ކެކުޅުންތަކުގެ މެދުން ހިލޭ ދަވާއެއް ކަމާމެދު ފިކުރުކުރެވޭ ވަގުތެއް އާދެއެވެ. އެއީ، ތިރީގައި މި ދަންނަވާ ފަދަ ޅެންބައިތުތަކާ 'ހިތާ' ބައްދަލުވާ ހިނދެވެ. އެއީ ، ދެ ފޮޅުވަތް ދެމެދުގައި ފިލާތިބޭ މާނާތައް ފުރޮޅިލާ އަޑު އިވޭ ހިނދެވެ. އެއީ ބަނޑުގައި ސިއްރުތައް ފޮރުވައިގެން، މުޅި ކުޅަދުންވަންތަވެރިކަމަށް ކަޅިއަޅާން، ނަފުސުގެ ހިމޭންކަމުގެ މެދުގައި އިށީނދެ ތިބޭ ޅެންވެރީންނާ ކުރިމަތިވާ ހިނދެވެ. 'އެކަހެރިކަމަށް' ފަރިތަ ހިތްތަކުގެ އާހްތައް ޅެމެއްގެ ސިފައިގައި ގުގުމާތީ އިވޭ ހިނދެވެ. އާދެ އެންމެފަހުން 'ޢިޝްޤުބާޒީ' އެވެ. ޢާޝިޤުންނާއި މާޢުޝޫޤު އެއްތަންވެ އެއްވާ އެއްވުމުގެ ބާޒީއެވެ. "ޢިޝްޤު އެކި މީހުންގެ ހިނގަނީ އެކި ގޮތުން އެކި އެއްޗަށޭ، ފިސްޤު ވެރިނުވިނަމަ އެކަން ދާށިއެ މަގަށް ހެއޮ ބާރުލައި. ޢާޝިޤުން މަޢުޝޫޤުނާމެދު ތެރިނުވާނަމައީ ވަފާ، ފާސިޤުން ކަމުގައި ނުވާނޭ އެއްގޮތެއް އޮތްތޯބަލައި.


16 ދުނިޔެ އެކި މީހުންގެ ކުޑަބޮޑުގައި ޚިލާފޭ އެކިވަރޭ، ބުނި މިބަހު ހުރި ފަލްސަފާނާ ޙިކްމަތަށް ވިސްނާށެލައި. ވަކިނުވާނޭ މިތުރަކާ ތާއަބަދު ހުރިހާ ޙާލުގައި ހަކިބައިން ހުސްދުރުވެ ޢާޝިޤު ކަންނިމޭނެ މަގެއްބަލައި." - ޢަބްދުهللا ޖަލާލުއްދީން – އަޅުގަނޑުގެ ނިކަމެތި ގަލަމުގެ ތުނޑު އައިސް އެންމެފަހުން މި ހުއްޓުނީ އެއްކަލަ ކަހަލަ ޢިޝްޤުގެ ޢާޝިޤެއްގެ މަގަތުގައެވެ. އެހެންނަމަވެސް މި ކިޔޭ، ޢިޝްޤާއި މަޢުޝޫގާއާއި ޢާޝިޤަކީ ކޮބައިތޯ ބަލައިލާން، ޒަމާނާއި ބައްރުތައް ފަހަނައަޅާ މާ ދުރަށްދާން ނުޖެހި ވާކަށް ވެސް ނެތެވެ. އެހެނަސް މިފަހަރު، ރޫޙާނިއްޔަތާއި ސޫފިޔާނާ ޚިޔާލުތަކުގެ އެންމެ ތިތްކަކުން މި މަޒުމޫނަށް ފުއްދާލެވޭތޯ ބަލާނީއެވެ. އާދެ، މި ދެކެވޭ ވާހަކަތަކަކީ މި ރާއްޖޭގެ އިހުގެ ޅެންވެރީންނަށް އައު ޢިޝްޤެއްގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ސޫފިޔާނާ ޚިޔާލާތުގެ މައްޗަށް ދިގު ދީވާންތައް ލިޔެވިގެން ދިޔަ ޒަމާނުގައި ވެސް، ދިވެހި ގިނަ ޅެންވެރީން ތިއްބެވީ އެއަށް އަހުލުވެރިވެފައެވެ. ޢީޝްޤަކީ ހަމައެކަނި ދެޖިންސުގެ ދެމެދުގައި ހިނގާ ޝުޢޫރަކަށް އޭރަކު ނުވެއެވެ. އެ މާނާގައި 'އިޝްޤު' ނުކުމެގެން ރަށުތެރެއަށް ދުއްވައިގަތީ އޭގެ މާ ފަހުންނެވެ. އާދެ، ކިލަންބުކަމެއް ނުވާ، އަމިއްލަ އެދުންވެރިކަމެއް ނުވާ، ތެދުވެރިކަމާއި ޚާލިސް ހިތްތަކާއި ފުރާނަތަކުން އުތުރިގެން އައި ސާފު އާރުތަކެއް ފަދައިން "ޢިޝްޤު" ބެހިގެން ވިއެވެ. އިންސާނާ، ތިމާގެ ރައްބުދެކެ ވާ ޚާލިސް ލޯތްބަށް 'ޢިޝްޤް-އޭ -ޙަޤީޤީ' ގެ ނަމުން ޚާއްޞަ ދަރަޖައެއް ދެވުނެވެ. އާދެ މި ޅެންވެރިޔާ މި ދައްކަވަނީ އެ ސާފު ޢިޝްޤުގެ ވާހަކައެވެ. އެކި މީހުންގެ ލޯބީގެ ޚާލިސްކަން ވާނީ އެކި ވަރަށް ކަމަށެވެ. ހިތްތަކުން ކިލާ ފިލާ ސާފުވެފައި ވާނީވެސް އެކި މިންވަރަށް ކަމަށެވެ. ތިމާ ހެއްދެވި އިލާހު އެންގެވި މަގުން ހިނގާ ތެދުވެރި ނުވާނަމަ، ލަޢުނަތްލެއްވި ގެއްލެނިވާ މީހުންގެ މެދުގައި ވާންޖެހޭނެ ވާހަކައެވެ. އެބަޔެއްގެ ހިތާއި ބުއްދީގެ ދޮރުތައް ހުޅުވި ހާސްވެގެންވާ މިންވަރަކުން މެނުވީ އެބަޔެއްގެ ޚިޔާލާތު ވެސް ފުރިހަމަވެގެން ނުދާނެކަމުގައި އެ ވިދާޅުވަނީ އޭގައި އިތުރު ފަލްސަފާތައް ވެސް ހިމަނުއްވަމުންނެވެ. އަދި ދުނިޔަވީ އެދުންތަކާއި ގުޅުންތަކާ، ބަނދެވި ޤައިދު ވެފައި ތިބޭ ދުނިޔަވީ ކަސްތޮޅުތަކުން މިނިވަންވެ، ވަށައިގެން އެނބުރޭ 'ކުނިބުނި' ދޫކޮށް ހަކިބައިން ހުސްވެ، ޢާޝިޤުކަން ނިމޭނެ މަގެއް ހޯދުމުން މެނުވީ 'ޢިޝްޤުބާޒީ' ގައި ޙަޤީޤީ ކާމިޔާބު ނުލިބޭނެ ވާހަކައިން ނިންމަވާލެއްވީއެވެ. އެހެނަސް އެ ނިންމަވާލެއްވީ ކޮންފަދަ ނަޔާ ރާސްތާއެއް ދައްކަވާފާތޯއެވެ. ޢާޝިޤުކަން ނިމޭނެ ގޮތުގެ މަގު އަލިކުރައްވާފާއެވެ. އެއީ، މިއަދުގެ މަޢުޟޫގައި މި ދެކެވޭ 'ޢިޝްގު' ގައި ޢާޝިޤު ފަނާވެ ދާނޭ ގޮތް ދައްކަވާފާއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، ޢިޝްޤުގެ ޢާޝިޤަކަށް ވާނެ ސިއްރު ހާމަކުރައްވާފައެވެ. ޝައްކެއް ވެސް ނެތެވެ. ދުނިޔޭގައި ވާ ދެބާވަތުގެ ޅެންވެރީން ވެސް ވަނީ ދިވެހި އަދަބީ ދުނިޔެ އާބާދުކުރައްވައިފައެވެ. އިހު ކުރި ސުވާލުގެ ޖަވާބު ލިބި ނިމިއްޖެއެވެ. ޢިޝްޤުގެ ޢާޝިޤާއަކަށް ވުމުގެ ޝަޢުޤުގައި އިނދެ ގަލަން ތިރިކޮށްލީމެވެ.


17 ހަނދާއޭ ތިޔަ ހަނދުން އަލިކަން ދިނީ މިއަދަށް މަ ރޮއްވަންހޭ ވަދާއުގެ ހިތި ޚަބަރު ދީފައި އެކީގައި ވަކިވެގެން ދާންހޭ އެރޭ އަލި ފެތުރި ސަނދުވާއިން އަރާމުގެ ފުރުސަތެއް ދީފާ ދެރޭ ވެސް ހަމަ ނުކޮށް މި ގޮތަށް ދެ ލޯ ކަނުރުން ފުރައިލަންހޭ ކަނޑުގެ ސަތުހުން އެއައި ރިހި ދޯދިތައް މަތުރައިލަދީ ގައިގައި އަޑުން އަޑުލައި ނުރޮއި ހުއްޓަސް މި ވޭނުން ޖިސްމު ތޮރުފަންހޭ ވިލާކޮޅަކުން ނިވައިވެވިލާ ލަދުން ހުރެ މޫނު އަނބުރައިލާ ހިލާ ނުރުހުން ވެފައި ހުއްޓާ މިހެން ބޭޒާރުކޮށްލަންހޭ ތިހާ އުހުގައި ތިހެން ހުރެގެން ގެނައި ޖަޒުބާތުތައް ތިޔަހެން މިހާ ހިތްދަތިކަމެއް އުމުރަށް ލިބޭނޭ ގޮތް ހަދައިލަންހޭ ކޮބައިހޭ ހައްގަކީ ލިބި އޮތް މިފަދަ އަނިޔާ ބިމަށް ފޮނުވަން އޮބައި މި ހަޔާތް މިހެން މި ދަނީ ތި ދިން އަނިޔާއަކުން ނޫންހޭ އެހެން ނަމަވެސް ބުނަންހެއްޔޭ ހަނދުގެ ކުށަކީ ކޮބައިހެއްޔޭ މިހެން ބުނަމުން މިދާ ބަސްތައް ތިބާއަށް އަޑު އިވޭނޭހޭ އޭ! ހަނދާއެވެ! ޙަސަން ޝާކިރު މުޙައްމަދު


18 ޅެންވެރި ދަތުރުގައި އަޅުގަނޑުމެން އާދަމް ޢަބްދުއްރަޙްމާން )އުތީމު( އަނެއްކާ ވެސް ޅެންވެރިންގެ ދުވަހެއް އައީއެވެ. މުނާސަބާ ފާހަގަކުރެވެމުން ދަނީއެވެ. ކޮންމެ ދުވަސްވަރެއްގައި ވެސް މުޖްތަމަޢުގައި ޅެންވެރިކަމަށް މަގާމެއް އޮވެއެވެ. ދިވެހި ޅެންވެރިކަމާ ރާއްޖޭގެ ޒަމާންވީ ދިގު ތާރީޚާ ވަނީ ގުޅިފައެވެ. ޅެމުގެ ކޮންމެވެސް ބާވަތެއް ނުވަތަ ވައްތަރެއް ދިރިއުޅުމުގެ ތެރޭގައި އޭގެ ދައުރު ދިޔައީ އަދާކުރަމުންނެވެ. ތަފާތު ނަންނަމުގައެވެ. ބަންޖާއި ކަލެވެ. އަންބާއާއި ފަރިއްސެވެ. ރައިވަރެވެ. ޅެމާއި ލަވައެވެ. ޅެންވެރިކަމުގެ ދައުރު ކިތަންމެ އިސްވެފައި ފުޅާވިއަސް، ތާރީޚާ ގުޅިފައި ވިޔަސް އަޅުގަނޑުމެންގެ ތެރޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރެވެން ފެށިފަހުން އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން ފުރަތަމަ ޅެންވެރީންގެ ދުވަހެއް ފާހަގަކުރެވުނީ 1989 ޖަނަވަރީ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ ޝާޢިރުއްޝަބާބު އަވަހާރަވިތާ 1 އަހަރު ފުރުނު ދުވަހުއެވެ. މިއަދަކީ ރާއްޖޭގެ 35 ވަނަ ޅެންވެރީންގެ ދުވަހެވެ. ދުވަހުގެ މުނާސަބާގައި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ޅެންވެރިންނަށް ތަހުނިޔާ ދަންނަވަމެވެ. ހެޔޮއެދުންތައް ފޮނުވަމެވެ. މަސައްކަތުގައި ބަރަކާތްލައްވައި "މަގުތައް ކޮށެވި އާރާސްތު ވެވިގެން އަންނާނެ" ބާއްޖަވެރި މުސްތަގުބަލަކަށް އެދި ދުޢާކުރަމެވެ. އެބައެއްގެ ނަމުގައި ގައުމީ ފެންވަރުގައި ދުވަހެއް ފާހަގަކުރެވޭ ކޮންމެ ބައަކީ ގައުމީ ބައެކެވެ. ބަޔަކު ގައުމީ ބައަކަށް ވަނީ އެބައެއްގެ މަސައްކަތާ ގައުމިއްޔަތާ ހުންނަ ގުޅުމެއްގެ ބޮޑުކަމުންނެވެ. މި ގަބޫލުކުރުން ސާބިތުކޮށްދެނީ ޅެންވެރީންނަކީ ވެސް ގައުމީ ބައެއް ކަމެވެ. ޅެންވެރިންނަކީ މީހުންގެ ހިތްތަކާ ކުޅެލާ ޖަޒުބާތީ ބައެކެވެ. ރޮއްވާލައެވެ. ހެއްވާލައެވެ. މިލްކުކުރެއެވެ. ޅެންވެރީންނަކީ އެއްޖީލުން އަނެއް ޖީލަށް ތާރީޚު ނަގުލުކޮށްދޭ އަމާނާތްތެރި ބައެކެވެ. މަރުވަމުންދާ ހިތްތައް ޅެންވެރީންގެ ފަރުވާއިން ދިރުވައިދެއެވެ. ބަލިކަށިވަމުން ފިނިވަމުންދާ ގައުމީ ވިންދު ޅެންވެރީންގެ ޖަޒުބާތުގެ އާވިން ހޫނުކޮށް ތާޒާކޮށްދެއެވެ. ހިމޭންވެފައިވާ މުވާޠިނުންގެ ލޭގައި ޅެންވެރިންގެ ހޫނު ފިރުމުންތަކުން ޙަރާރަތު އުފައްދައި، ގައުމީ ލޯބި ހިލުވާލައެވެ. އޭގެ ސަބަބުން އުފެދި ދިރިގެން އަންނަ މަތިވެރި ރޫޙު ގައުމުގެ ހާލަތު ބަދަލުކޮށްލުމުގެ ބޮޑު ބާރަކަށް ވެގެން ހިނގައިދެއެވެ. މި ހަގީގަތް ދުނިޔެ ވަނީ ތަޖުރިބާކޮށްފައެވެ. މި ގަދަރުވެރި ނަމުގައި މި ވަރުގަދަ ވާސިޠާ ހިފައިގެން މި ގައުމު ކޮށްފައި ވަނީ ކޮންކަހަލަ ދަތުރެއްތޯއެވެ. އިހުގެ މާލިމީން މަގުދެއްކީ ކޮންކަހަލަ ބަނދަރަކަށްތޯއެވެ. ހިފޭތޯ މަސައްކަތްކޮށްފައި ވަނީ ކޮންކަހަލަ އައްސޭރިއެއްތޯއެވެ. އެ ބަނދަރަށް ފޯރިތޯއެވެ. އެ އައްސޭރި ހިފުނުތޯއެވެ. މިއަދު އަޅުގަނޑުމެންގެ އުޅަނދު ހުރީ ކިހާހިސާބެއްގައިތޯއެވެ. މިއީ ވިސްނުމެއް ބަލާލުމެއްނެތި ޖަވާބުދެވޭނެ ސުވާލުތަކެއްނޫނެވެ. ޖަވާބު ދީގެންވާނެ ސުވާލުތަކެއް ވެސް ނޫނެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޓަކައި އަޅުގަނޑުމެން ޖެހެނީ މާޒީގެ ދަތުރުތަކުގެ މޯހިރުން އަޅައިދީފައިވާ ކުރެހުންތައް ބަލައި ދަސްކުރާށެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ އިހުގެ ޅެންވެރިން އުފައްދާފައިވާ ޚިޔާލުތަކާ ބަންޑުންކޮށްފައިވާ ޝުޢޫތުތައް މުރާޖަޢާކުރާށެވެ.


19 ތިމާގެ ނަޒަރަށް ލޯބިވެރިޔަކު ފެންނާނީ ކޮން ސިފައެއްގައިކަން ޅެންވެރިއެއްގެ ހިތަށް ވަންނާނީ އާދައިގެ ސިފައެއްގައެއް ނޫނެވެ. އެ ލޯބިވެރިޔާ ހުންނާނީ އާދައިގެ ލޮލަށް މި ފެންނަ ޖިސްމާނީ ސޫރައެއްގައެއް ނޫނެވެ. އޭނާއަށް އެ ލޯބިވެރިޔާ ފެންނާނީ ހިތެއްގެ އަލިމުތެއްގެ ތެރެއިން ފެންނަ ރޫހާނީ ހަސްތީއެއްގެ ގޮތުގައެވެ. އެ ޚިޔާލުގައި އޭނާގެ ޝުޢޫރަށް ހާޒިރުވި މުޖައްސިމް ސިފަކޮށްލުމަށް ޓަކައި ކާއިނާތުގެ ތެރެއިން ހޮވާލާ ތުނިތުނި އޮމާން ބަސްތައް ޝާޢިރީ އޮހުމަކުން އަތުރާލާ އަމުނާލެވޭއިރު ފެންނަން އޮންނާނީ ލޯބީގެ ޅެމެކެވެ. "ލޯބީގެ ނޫރާނީ އަލިން ދައްކާ ހިޔަންޏެއްހޭ އެއީ ލޯބީގެ ހަނދުވަރުގައި ވިދާ ޝަބުނަމްގެ ތިކިތައްހޭ އެއީ" މިއީ ލޯބިވެރިޔަކަށް އޭނާގެ ލޯބިވެރިޔާ ފެންނަ ގޮތް ކަށަވަރު ކުރުމަށް ޓަކައި ދިވެހި އިހުގެ ޝާޢިރަކު އުފަންކުރުވި ސުވާލެކެވެ. ޅެންވެރި ސާފު ދިވެހިބަހުންނެވެ. ދެން އެހެން ލޮލެއްގެ ސިފަކުރެއްވުމެކެވެ. "އިރުމަތިފަރާތު އުދަރެސް ފުރިހަމަވެގެން މަތީރެސް ވިރުވާލި ރަންގަނޑެއްހެން ހުރެގެން މި އަލިވަނީއޭ" ހަމަ ލޮލަށް ފެނުނަސް ޝާޢިރަކަށް ނޫނީ މިފަދަ ސިފަކުރުމެއް ގެނެސްދެވިދާނެތޯއެވެ؟ ނޫނެކެވެ. ޝާޢީރުންގެ މޮޅުކަމަކީ އެއީއެވެ. އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ ގޮތްތައް ޝާއިރުގެ ލޯ އަޅުގަނޑުމެންނަށް ދައްކައިދެއެވެ. އަޅުގަނޑުމެންގައި ނުބީހޭ ފިރުމުންތަކާ ރިހުންތައް ޝާއިރު އަޅުގަނޑުމެނަށް އިހުސާސްކޮށްދެއެވެ. ޤައުމިއްޔަތޭ، މަދަނިއްޔަތޭ، ނުވަތަ އެ ނޫން ނަމަކުން ބުނެ އިތުރު މައުޟޫޢެއް ހުޅުވާލާކަށް ނެތީއެވެ. ދުންޔަވީ ބުރުގެ ވަށައިގެން ދެމިފައިވާ ރޮނގުތަކުގެ ތެރެއިން ކޮންމެ ރޮނގަކުން ބަލާލިއަސް ޝާޢިރީ މިފަދަ މިސާލުތައް ލިބެން އެބަހުއްޓެވެ. އަޅުގަނޑު މި ނެގީ އެންމެ ދެ މިސާލެވެ. ދެން މި ރޮނގުން މި ޒަމާނުގެ ދެ މިސާލު ނަންގަވާށެވެ. ތިޔަ ބޭފުޅުންގެ ވަށައިގެން އުދުހެމުން މިހިރަ ދަނީ މި ޒަމާނުގެ ޅެންތައް ނޫންތޯއެވެ. ދެން ދެ ޒަމާން އަޅައިކިއުއްވާ އަދި ބައްލަވާލައްވާށެވެ. މި ދަތުރުގައި އިހުގެ މާލިމީން މިސްރާބު ހިފި އަމާޒާ މިއަދުގެ ކެޕްޓަނުން ކޯސްނަގާ ޓާގެޓް އިންސާފުވެރި ދުރުމީއަކުން ދެކެވަޑައިގަންނަވާށެވެ. އޭރުން ޅެންވެރިކަމުގެ ދަތުރުގައި އަޅުގަނޑުމެންގެ އުޅަނދު މިއަދު ހުރި ހިސާބު އެނގެންވާނެއެވެ. ގޮނޑުވަމުންދާ އައްސޭރި ލަފާކުރެވެން ވާނެއެވެ. ގަބޫލުފުޅު ކުރައްވާށެވެ! ފަހެއް އައީ އިހެއް އޮތުމަށް ފަހުގައެވެ. ޝައްކެއްނެތެވެ. ޅެންވެރީންނަކީ ޖޯކަރުންނެއް ނޫނެވެ. ޖޯކަރެއްގެ ހެދުމުގައި ވެސް ޅެންވެރިޔާ އަންނަނީ ފަލްސަފީ ހިތަކައިގެންނެވެ. ޖާދޫގެ ދުލަކައިގެންނެވެ. އުފެއްދުންތެރި އާލާތެއް ހިފައިގެންނެވެ. އާދޭހެވެ! ޅެންވެރިންނަކީ ސަމާސާ ބައެއް ނޫނެވެ.


20 ޅެން ނަލަހެއްދުމުގައި ޖިނާސް މުޙަންމަދު ޝާހިދު ޙަލީމް ޅެން ނަލަހެއްދުމަކީ ކޮބައިހެއްޔެވެ ؟ ނަލަހެދުމަކީ ރީތި ފޭރާން ލައި، ގަހަނާ އަޅައި ޒީނަތްތެރިވުމެވެ . ތިމާ އެހެން މީހަކު ރީތި ފޭރާން ލައްވައި، ގަހަނާ އަޅުވައި ޒީނަތްތެރިކުރުމަކީ މީހަކު ނަލަހެއްދުމެވެ. އެހެންވީމާ ޅެން ނަލަހެއްދުމަށް ވާނީ ޅެމުގައި ރީތި ފޭރާން ލައްވައި، ގަހަނާ އަޅުވައި ޒީނަތްތެރިކުރުމެވެ. ޅެން ނަލަހެއްދުމަކީ ބޭނުން ކަމެއް ހެއްޔެވެ؟ ޅެމަކީ މީހުންގެ ހިތަށް އަސަރުފޯރުވައި، މީހުންގެ ޖަޒުބާތު ހިލުވައިލާ އެއްޗެކެވެ. ވީއިރު، ޅެން ނަލަނުހައްދައި ޅެމުން މީހުންގެ ހިތާއި ޖަޒުބާތާ ކުޅެލާނީ ކިހިނެއްހެއްޔެވެ؟ ލަފުޒުތަކެއް ހަމައެކަނި ވަޒަނަކަށް ފައްތައިފައި އޮންނަ "ޅެމަކުން" އެ ކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ. އެ ކަން ކުރެވޭނީ ޅެން ނަލަހައްދައިފައިވާ ވަރަކުންނެވެ. ޅެމުގައި ރީތި ފޭރާން ލައްވައި ގަހަނާ އަޅުވައި ޒީނަތްތެރިކުރާނީ ކިހިނެއްހެއްޔެވެ؟ އެ ކަން ކުރާނީ ޅެމުގެ ތަސްވީރީ ބަސްމަގުންނެވެ. ޅެމުގައި ބޭނުންކުރާ ލަފުޒުތަކުންނެވެ. ޅެމުގެ ފޭރާމަކީ ވެސް ގަހަނާއަކީ ވެސް ލަފުޒެވެ. އެކަމަކު ފޮތި ރީތި ފޭރާމަށް ހަދާހެން، ރަންރިހި ޗާލު ގަހަނާއަށް ހަދާހެން، ލަފުޒު ވެސް ޖެހޭނީ ރީތި ފޭރާމަށާއި ޗާލު ގަހަނާއަށް ހަދާށެވެ. އެ ފޭރާމާއި ގަހަނާއަކީ އަދަބީ އުންސުރުތަކެވެ. ޅެން ނަލަހައްދާން ބޭނުންކުރާ މި ފަދަ އެއް ގަހަނާއަކީ ޖިނާހެވެ. ޖިނާހަކީ، އެއް އަޑުތަކެއް ދެ މާނައިގައި އެއް ބައިތެއްގައި ގެނައުމެވެ. މި ގޮތަށް ގެންނަ އިރު އެއް ލަފުޒެއްގެ ގޮތުގައި ވެސް ގިނަ ލަފުޒުތަކެއްގެ ގޮތުގައި ވެސް ގެނެސްފައި ހުރެއެވެ. އަދި ދެ ލަފުޒެއްގެ އެއްބުރި އެއްގޮތްކޮށްގެން އުނިޖިނާހުގެ ގޮތުގައި ވެސް ގެނެސްފައި ހުރެއެވެ. ތިރީގައި މި ލިޔަނީ ޖިނާސް ބޭނުންކޮށްފައި ހުރި ދިވެހި ބައެއް ޅެންބައިތެވެ. "ސަލާމަތް ގޮތް ނުވިސްނާ މީހަކަށް ދުނިޔޭ އުޅުން ދައްޗޭ ބަލާ އިރު މީހުނީ އެކި ގޮތްގޮތުން މީހުން ހިފާ ދައްޗޭ" - ޢަބްދުالله ފަހްމީ ދީދީ "ހިތާ ނަފްސުން އެދޭ އެދުމާ ހިތާ ދެކޮޅެއް ހެދޭނޭތޯ ފިތާއި މެޔާ އަމިއްލަ އަތުން ފިތާ ފިސްކޮށްލެވޭނޭތޯ" - އިބްރާހީމް ޝިހާބު


21 "ޖަހަން ނަމަ އަތްމަޅައިލުން ހެޔޮނުވާނޭ ޖަހަންނަމައަށް ތިމާ ގޮސް ވެއްޓިދާނޭ" - މޫސާ ފަތުޙީ "ގޮޅިޔަކީ ދީނޭ އިތުރު މޮޅު އޮޅި ނުލައްވާށޭ މި ކަން މޮޅިޔަކަށް ނުވެ ދާ ގޮތަށް ހަމަ އޮޅި ގިރާކުރަމުން ދަމާ" - މުޙަންމަދު ޖަމީލު ދީދީ "ކެލާ އަދި އައްޑުއާ ދެމެދުން ތެލާއި ފެނާއި ވަކިކުރަމުން ދެ ލާހި ނަގާ ދެތަންކުރުމުން ކެލާ ބޮކަރާ އެނގެންވެއްޖޭ" - އުތީމު އާދަމް ޢަބްދުއްރަޙްމާން "މި ޤައުމުގެ ޅެންވެރިންގެ ދުވަސް، ޤައުމު ފާހަގަކުރާ ދުވަހެއް އަގާ ޤަދަރާ އުފުއްލެވުމާ ޝަރަފުދެއްވާ އެއީ ދުވަހެއް" - ރަމްލާ ޢަބްދުލްޣަނީ


22 ދިޔަ ޒަމާނުގެ ހަނދުމަތައް މިއަދުގެ އުނގަށް ލައިދީފިޔޭ ބިޔަ ބޮޑެތި ތަކުލީފުތައް ބަލި ހިތްތަކުން ނެރެދީފިޔޭ އުދަވި އިރަކުން ދިން ޝުޢާޢުގެ ބެބުޅުމާ އަލިކަން ފަދައިން މަދަދުވެރި އުންމީދުތަކަކުން ޢަޒުމު އާކޮށްދީފިޔޭ ރޫޙުގައި ހެޔޮ އިޙްތިރާމުން އުފެދި އައި އިހްސާސްތަކާ ދޭހުގައިވާ މަޢުނަވީ ފުންމާނަތައް ބުނެދީފިޔޭ ހިތްތަކަށް މުހުތާދުވާ އަސްލީ ތަސައްލީ ވެސް ދެމުން ގޮތްގޮތުން އެކި އޮހެރެމުންދާ ކަރުނަތައް ފޮހެދީފިޔޭ ފުނިޖެހުނު ޝަކުވާތަކަށް ނިމުމެއް ގެނެސްދީ، ހިތުތެރޭ ފޮނި އުފާތައް ދިރިއުޅޭނޭ ޖާގަ ފަހިކޮށްދީފިޔޭ ކުރަހަމުން ލަފްޒީ ފިހިން، މިނިވަން ހިތެއްގެ ޝުޢޫރުތައް ހުރަހަކާ މަނައެއް ނުވާ ދޭހަށް މި އިއްވައިދީފިޔޭ ނުބުނެވުނު ވާހަކަތަކެއް ލިޔެ ދެއްކި ތޮބަޢީ ޒާތަކުން އަބުރުވެރި ޖާއިޒު ގުޅުންތައް އާދެ! ގުޅުވައިދީފިޔޭ ޝާޢިރުން ޢިއްޒާ އަޙްމަދު ނިޒާރު


23 ޅެން އަދަބީގޮތުން ތަހުލީލުކުރުމުގެ ތެރެއިން ޅެމުގެ އުސްލޫބީ އޮނިގަނޑު މުޙައްމަދު ޢާމިރު އަޙުމަދު ފަރެސް އަދަބީ އުފެއްދުންތައް އަދަބީގޮތުން ތަހުލީލުކުރުމަކީ އަދަބަށް ފާޑުކިޔުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. އަދަބީގޮތުން ފާޑުކިޔަނީ މި ތަހުލީލުތަކުން ފެންނަ ނަތީޖާތަކަށެވެ. މިއީ އަދަބު ކުރިއަރުވަން ކުރާ މުހިންމު މަސައްކަތެކެވެ. ޚާއްސަކޮށް އަދަބިއްޔާތުގެ ތެރެއިން ޅެންވެރިކަން ދަސްކޮށް، އެ ފަންނުގައި ކުރިއަރައިދާން ބޭނުންވާ ދަރިވަރުންގެ ކުރިއެރުމަށް ޓަކައި މި މަސައްކަތަކީ ފަހި ނަތީޖާއެއް ކަށަވަރުކުރެވޭ ކާމިޔާބު މަސައްކަތެކެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ، މި ދާއިރާގެ ތެރެއިން ޅެމެއްގެ އަދަބީގޮތުން ތަހުލީލުކުރުމަށް ބޭނުންވާ އަސާސީ ކަންކަމަށާއި އޭގެ ތެރެއިން ޅެމުގެ އުސްލޫބީ އޮނިގަނޑަށެވެ. ޅެމެއްގެ އަދަބީ ތަހުލީލު ޅެމެއް އަދަބީގޮތުން ތަހުލީލުކުރާއިރު ދެ ބަޔަކަށް ބަލައެވެ. އެއީ ބޭރުފުށުގެ ތަހުލީލާއި އެތެރެފުށުގެ ތަހުލީލެވެ. ބޭރުފުށުގެ ތަހުލީލުގައި ހިމެނެނީ ވަޒަނާއި ކާފިޔާއެވެ. ބަނޑުވައްއަކުރާއި ފިލިކޯޅިއެވެ. މި ހަތަރު ބައިގެ ތެރޭގައި ހިމެނޭ ތަފުސީލުތަކަށެވެ. އެތެރެފުށުގެ ތަހުލީލުގައި ހިމެނެނީ ޚިޔާލާއި ޝުޢޫރެވެ. ބޭނުންކޮށްފައިވާ ލަފުޒެވެ. ޅެމުގައި ރީތިކަން އުފެއްދުމަށް ބޭނުންކޮށްފައިވާ އަދަބީ އުކުޅުތަކެވެ. ޅެމުގެ ހުރިހައިކަމެއް ގުޅިގެން ނިކުންނަ ނަތީޖާގެ އަގެވެ. މި ބައިތަކުގެ ތެރޭގައި ހިމެނޭ ތަފުސީލުތަކެވެ. ޅެމުގެ ބޭރުފުށާއި އެތެރެފުށުގެ ތަހުލީލުތައް ކުރާން ފެށުމުގެ ކުރިން ކުރާންޖެހޭ ދެ މަސައްކަތެއް އޮވެއެވެ. އެއް މަސައްކަތަކީ ޅެންވެރިޔާ ދެނެގަތުމެވެ. މިބައިގައި ބަލަނީ ޅެންވެރިޔާގެ ޢިލްމާއި ތަރުބިއްޔަތާއި ޚިޔާލާއި ތަޖުރިބާއާއި މި ނޫނަސް ޅެމަށް އެއިން އަސަރުކޮށްފާނޭ ކަންކަމަށެވެ. ދެވަނަ މައްސަކަތަކީ ޅެމުގެ އުސްލޫބީ އޮނިގަނޑު އެކުލަވައިފައިވާ ގޮތް ދެނެގަތުމެވެ. ޅެމުގެ އުސްލޫބީ އޮނިގަނޑު އުސްލޫބީ އޮނިގަނޑަކީ، ޅެމުގެ މަރުކަޒީ ޚިޔާލާއި އެ ޚިޔާލު ހުށަހެޅުމުގައި ބައިތުތައް ތަރުތީބުކޮށްފައިވާ ގޮތާއި ކޮންމެ ބައިތެއް ޅެމުގައި އަދާކުރަނީ ކޮންދައުރެއްތޯއާއި ބައިތުތައް ގުޅިގެން ފިކުރެއް ހުށަހަޅައިފައިވާ ގޮތުގެ ރޭވުމެވެ. އުސްލޫބީ އޮނިގަނޑު އޮތްގޮތް ބަލައި ވިސްނާ ވިސްނުންތަކުން އެ އޮނިގަޑު ރޭވިފައިވާ ގޮތް ދެނެގަނެވެއެވެ. ޅެމުގެ އެތެރެފުށުގެ ތަހުލީލުގައި ތަފުސީލުކުރާންޖެހޭ ވަކިވަކި ނުކުތާތަކާއި ވާހަކަދައްކަންވީ ކަންކަން ފާހަގަކުރެވެއެވެ. ޝުޢޫރުތައް މައްޗަށް ގޮސްފައިވާ ގޮތާއި ޖަޒުބާތު ހިލިގެންދިޔަ ގޮތާއި މިފަދަ ކަންކަމުން ނުކުންނަ ނަތީޖާތައް ފާހަގަކުރެވެއެވެ. ޅެމުގެ އުސް ކުންނުތަކާއި ދަށް ބާނިތައް ފާހަގަކުރެވެއެވެ. އުސްލޫބީ އޮނިގަނޑު ތަހުލީލުކުރުމަކީ ޅެންވެރިކަމުގެ ތެރެއަށް ވަނުމަށާއި އާ ފިކުރު އުފައްދަން ދަސްކުރެވޭ މަސައްކަތެކެވެ. މީގެ ސަބަބުން ދިރާސާކުރެވުނު އޮނިގަނޑާ އެއްގޮތް އޮނިގަނޑެއް އުފެއްދުމުގެ ޚިޔާލު އުފެދެއެވެ. އެ އޮނިގަނޑާ ތަފާތު އޮނިގަނޑެއް އެކުލަވައިލުމަށް އެހީތެރިކަން ލިބެއެވެ. މުޅީން އާ އޮނގަނޑެއް އުފެއްދުމަށް އެހީތެރިކަން ލިބެއެވެ.


24 ބައެއް ކުދީން ބުނެއެވެ. އަޅުގަނޑަށް ވަކިބައިތުތައް ހެދެއެވެ. ފުރިހަމަ ޅެމަކަށްވާ ވަރަށް ބައިތު ހަމަކުރާން އުނދަގޫވެއެވެ. ދައްކާންވީ ވާހަކައެއް ނޭނގެއެވެ. އުސްލޫބީ އޮނިގަނޑުގެ ދިރާސާއަކީ މިފަދަ ހުރަސްތައް ގިރާކުރުމަށް ބޭނުންވާ ވިސްނުން އުފައްދައިދޭ ކަމެކެވެ. ފިކުރު އުދައްދައިދޭ ކަމެކެވެ. އުސްލޫބީ އޮނި ގަނޑު ދިރާސާކުރުމުގެ އިރުޝާދު 1 .ޅެމުގެ ސުރުޚީއާއެކު މުޅި ޅެން ކިޔާށެވެ. 2 .އަންނަނިވި ކަންކަން ފާހަގަކުރަމުން ނޯޓުކުރަމުން ގެންދާށެވެ. 3 .ޅެމުގެ މަރުކަޒީ ޚިޔާލު ފާހަގަކުރާށެވެ. 4 .ބައިތުތަކުގެ ޖުމުލަ ހަމަޖައްސަން ބޭނުންކޮށްފައިވާ އުސްލޫބު ފާހަގަކުރާށެވެ. )ކޮންމެ ބައިތެއް އޮތީ އޭގެ ޒާތުގައި މާނަ ހަމަޖެހޭ ޖުމްލައަކަށް ވާގޮތަށްތޯ ބަލާށެވެ. ނުވަތަ ކޮންމެ ބައިތެއްގެ ޖުމުލަ ހަމަޖެހެނީ ސުރުޚީއާ ގުޅުވުމުންތޯ ނުވަތަ ފުރަތަމަ ބައިތާ ނުވަތަ އެ ބައިތުން ބަޔަކާ ގުޅުވުމުންތޯ ބަލާށެވެ.( 5 .ކޮންމެ ބައިތެއްގައި ބުނާ އެއްޗަކާއި އެ އެއްޗެއް އެ ޅެމެއްގެ މައުޟޫޢުގައި އަދާކުރަނީ ކޮން ދައުރެއްތޯ ބަލާށެވެ. 6 .ކޮންމެ ބައިތެއް މައުޟޫޢާ )ނުވަތަ މަރުކަޒީ ޚިޔާލާ( ގުޅޭގޮތާއި އެއްބައިތު އަނެއް ބައިތާ ގުޅިފައިވާ ގޮތް ފާހަގަކުރާށެވެ. 7 .އެއްބައިތު އަނެއް ބައިތާ ގުޅިފައިވާ ގޮތް ބަލާއިރު، އެ މައުޟޫޢު ހުށަހަޅައިދިނުމުގައި އެއް ބައިތުން އަނެއް ބައިތައް ބާރުދީ އެހީތެރިވެފައިވާ މިންވަރު ބަލާށެވެ. 8 .ޅެމުގައި އެއް ބޭނުމަކު ނުވަތަ އެއް ވައްތަރެއްގެ ކަމަކު ބޭނުންކޮށްފައިވާ ބައިތުތައް ފާހަގަކޮށް ގުރޫޕުކުރާށެވެ. 9 .ނަންބަރު ފަހެއްގައި ބުނެފައިވާ ފަދައިން ކޮންމެ ބައިތެއް ޅެމުގަ އި ވަކިވަކީންނާއި ގުރޫޕްކޮށް އަދާކުރި ދައުރު ފާހަގަކޮށް، ބައިތުތަކުގެ ތަރުތީބާއި ގުޅުމުގެ މައްޗަށް ބިނާކޮށް އުސްލޫބީ އޮނިގަނޑާމެދު ލިޔާ ބަޔާން ލިޔާށެވެ. މިސާލެއްގެ ގޮތުން މިތާގައި މި ހުށަހަޅައިލަނީ ދެ ޅެމެއްގެ އުސްލޫބީ އޮނިގަޑު އެކުލެވިފައިވާ ގޮތާމެދު އިސްވެ ދެންނެވި ހަމަތަކުން ބަލައި ލިޔެފައިވާ ނޯޓުތަކެކެވެ. ޝާޢިރެއްގެ ފަތިސް - އާދަމް ނަޞީރު އިބްރާހީމް ޝާޢިރެއްގެ ޝުޢޫރުތައް ގުގުމާލިޔޭ އާފާޤުގާ ޢާލަމަށް ފުރަ މެންދަމަކު ދިން ހަނދުވަރުގެ ޖަޒުބާތުގައި. މިއީ ޅެމުގެ ފުރަތަމަ ބައިތެވެ. މި ބައިތުގައި ޝާޢިރު ވިދާޅުވެފައިވަނީ ފުރަ މެންދަމެއްގެ ވަގުތުގައި ދުނިޔެއަށް ދިން ހަނދުވަރެއްގެ ޖަޒުބާތުގެ ސަބަބުން ޝާއިރެއްގެ ޝުޢޫރުތައް އާފާޤުގައި ގުގުމައިލިއެވެ. މި ދޭހައަކީ ފުރަތަމަ ނަޒަރުން ވެސް ލިބިގަނެވޭ ފަސޭހަ ދޭހައެވެ. ނަމަވެސް އުސްލޫބީ އޮނިގަނޑު ދިރާސާކުރާއިރު މި ދޭހައާ ހިސާބުން ބައިތު ދޫކޮށްލެވޭކަށެއް ނޯންނާނެއެވެ. އޮނިގަޑު ދިރާސާކުރާއިރު ބަލަންޖެހޭނީ މި ބައިތަކީ ކޮން ބޭނުމަކު ހެއްދެވި ބައިތެއްތޯއާއި މި ބައިތުން ކޮށްދިނީ ކޮން ކަމެއްތޯއާއި، މި ބައިތު ޅެމުގައި އަދާކުރީ ކޮން ދައުރެއްތޯއެވެ. ފުން ވިސްނުންތަކަށް ވާސިލްވެވޭނީ މި ސުވާލުތަކަށް ހޯދޭ ޖަވާބުންނެވެ. ޅެމެއްގެ އުސްލޫބީ އޮނިގަނޑު ދިރާސާކުރާއިރު ފުރަތަމަ ކުރާ ކަމަކީ ކޮންމެ ބައިތަކާމެދު މިފަދަ ސުވާލުތައް އުފައްދައި، އެ ސުވާލުތަކަށް ޖަވާބު ހޯދުމެވެ. ޖަވާބު ކަމުގައި ހިމެނޭ ކަންކަން ބަޔާންކުރުމެވެ. މި އިރުޝާދާ އެއްގޮތަށް މުޅި ޅެމުގެ އުސްލޫބީ އޮނިގަޑަށް ބަލާއިރު ޝާޢިރެއްގެ ފަތިސް އެކުލެވިފައިވަނީ އަންނަނިވި ބައްޓަންތަކަށެވެ.


25 މި ޅެމުގެ 13 ބައިތު ހަ ގުރޫޕަކަށް ބަހައިލެވެއެވެ. އެއީ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ފުރަތަމަ ބައިތު އެކަންޏެވެ. ދެވަނަ ގުރޫޕުގައި ހިމެނެނީ ދެވަނަ ބައިތުން ފެށިގެން އައިސް އަށްވަނަ ބައިތުގެ ނިޔަލަށެވެ. ތިންވަނަ ގުރޫޕުގައި ހިމެނެނީ ނުވަވަނަ ބައިތެވެ. ހަތަރު ވަނަ ގުރޫޕުގައި ހިމެނެނީ 10ވަނަ ބައިތާއި 11ވަނަ ބައިތެވެ. ފަސްވަނަ ގުރޫޕުގައި 12ވަނަ ބައިތެވެ. ހަވަނަ ގުރޫޕުގައި 13ވަނަ ބައިތެވެ. މި ބައިތުތައް ބެހިފައިވާ ގުރޫޕުތައް ފާހަގަކޮށްފައި މި ދިން ބަޔާނަކީ އޮނިގަޑުގެ ދިރާސާއަށް ފަހުގައި ދެވޭނޭ ބަޔާނެކެވެ. ފުރަތަމަ ބައިތު: މި ބައިތުގެ ބޭނުމަކީ ޅެމުގެ މަރުކަޒީ ޚިޔާލު )ތީމު( ހުށަހެޅުމެވެ. މި ބައިތުން ކޮށްދިން ކަމަކީ މަރުކަޒީ ޚިޔާލު ހުށަހެޅުމާއެކު، ޅެމުގެ ހާދިސާ ހިނގާ މާހައުލު ތައާރަފުކޮށްދިނުމެވެ. ދައްކަން ހުރި ވާހަކަތައް ދައްކާނޭ ޖާގަހެދުމެވެ. ދެވަނަ ބައިތުން ފެށިގެން އަށްވަނަ ބައިތުގެ ނިޔަލަށް އޮތް ހަތް ބައިތުގެ ބޭނުމަކީ ފުރަތަމަ ބައިތުގައިވާ ޝުޢޫރުތައް އާފާޤުގައި ގުގުމައިލާން ޖެހުނު ސަބަބުކަމުގައިވާ ޖަޒުބާތުތަކާއި އެ ޖަޒުބާތުތައް އުފެދެން ދިމާވި ސަބަބު ބަޔާންކޮށްދިނުމެވެ. މިއަށްވުރެ ތަފުސީލުކޮށް ބަލާ ނަމަ، ދެވަނަ ބައިތާއި ތިންވަނަ ބައިތާއި ހަތަރުވަނަ ބައިތުގައި ކޮށްދިން ކަމަކީ ޖަޒުބާތު އުފެދިގެން ދިޔަ ސަބަބު ބަޔާންކުރުމެވެ. މަންޒަރުގެ މޫރިތިކަމުން ދޫ ވީއްލިދިއުމެވެ. އުޑުތަކާއި ބިމުގެ ލޯ ހުއްޓުމެވެ. ފިޠުރަތުގައިވި ލޯބި ހޭލުމެވެ. ޖެހިގެން އައި ހަތަރު ބައިތުން ކޮށްދިން ކަމަކީ އުފައްދައިދިން ޖަޒުބާތު ވީއްލުމެވެ. ވީއްލިގެން ދިޔަ ދުލުގެ ބަޔާން އިއްވައިދިނުމެވެ. ނުވަވަނަ ބައިތަކީ މުޅި މަންޒަރު ބަދަލުކޮށްލި ގޮތާއި ސަބަބު ބަޔާންކުރާ ބައިތެވެ. ހާދިސާ ފުށުންޖެހި، ހާލަތު ގުޖަޑުވެގެންދިޔަ ގޮތް ހުށަހަޅާ ބައިތެވެ. އެހެން ނަޒަރަކުން ބަލާއިރު މި ބައިތަކީ އިސްވެ ބަޔާންކުރެވުނު ބަޔާއި ފަހަތަށް އަންނާން އޮތް ބައި ވަކިކޮށްދޭ ފާހަގައެކެވެ. އަނެއް މާނައިގައި ނަމަ އަންނާން އޮތް ވާހަކަތަކާއި ކުރީގެ ވާހަކަތައް ގުޅުވައިދޭ ގުޅުތްވެކެވެ. މިއީ ޅެމުގެ ކުރިއަށާއި ފަހަތަށް ނުފޫޒު ފޯރުވާ ބާރުގަދަ ބައިތެކެވެ. 10ވަނަ ބައިތުން ކޮށްދިން ކަމަކީ މަންޒަރުގެ ހަގީގަތް ބަޔާންކުރުމެވެ. ޝާޢިރަށް ކުރިން ވަކިގޮތަކަށް ހީވި ސަބަބާއި، މި ސަބަބު ކަށަވަރުވުމުން ކުރީގެ ކުށްހީއަށް ރައްދުދީ، ހަގީގަތަށް ވިސްނުން އަނބުރައިލުމެވެ. 11ވަނަ ބައިތާއި 12ވަނަ ބައިތަކީ ދާދި އެއްގޮތް ދެ ބައިތުހެން ފުރަތަމަ ނަޒަރުން ހީވެދާނެއެވެ. ނަމަވެސް ދެ ބައިތު އަދާކުރަނީ ތަފާތު ދެ ދައުރެކެވެ. 11ވަނަ ބައިތުގެ ބޭނުމަކީ ހަގީގަތް އޮޅުވައިލީތީ ނުރުހުން ފާޅުކުރުމެވެ. 12ވަނަ ބައިތުގެ ބޭނުމަކީ ހަގީގަތް އޮޅުންފިލައިފިކަމާއި މިކަމުން ލިބުނު އިބުރަތްތައް ބަލައިގަންނަކަން އިއުލާންކުރުމެވެ.


26 13ވަނަ ބައިތަކީ ޝާޢިރާއި ހަނދުވަރުގެ ސެޓިންގެ ތެރެއިން ވިސްނުން ނެރެ، އިންސާނުންގެ އާންމު މުޖުތަމައުގައިވާ މިފަދަ ހަގީގަތްތަކާ މި ޅެމާ ގުޅުވައިދޭ ބައިތެކެވެ. ރޯމާ ދުވާލު މެންދުރުގެ ރަތްދަކަ އަވީގައި ވެސް "ޝާޢިރެއްގެ ފަތިސް" އަތުވެދާނޭކަން އަންގައިދޭ ބައިތެކެވެ. ސާފު ބަހުން ބަޔާންކުރާ ނަމަ މުޖުތަމައުގައި އޮތް ވިސްނުން ނުހިނގާ މައްސަލައަކާ މެދު ވިސްނަން މަޖުބޫރުކުރުވަނީ މި ބައިތުންނެވެ. މި ސަބަބަށްޓަކައި މި ޅެމުގެ މަގުސަދު ހާސިލްވާ ބައިތަކީ މި ބައިތުކަމުގައި ބަލަންޖެހެއެވެ. މި ބައިތަކީ މުޖުތަމައުގައި އޮތް އާންމު މައްސަލައަކާ މެދު ފިކުރުހިންގާން ހަނދާންކޮށްދޭ މެސެޖެވެ. އެހެން ކަންމިނަކުން ބަލާ ނަމަ ޅެމުގައި ދެން އޮތް 12 ބައިތަކީ މި ފަހު ބައިތުގެ ޝަރަޙައެވެ. ޅެމުގެ މި އޮނިގަނޑު އޮތްގޮތް ބަލައި ފާހަގަކުރި އިސްވެ ބަޔާންކުރެވުނު ކަންތަކުން އެނގޭ އެއްކަމަކީ ޅެމުގެ ބައިތުތަކުގެ މެދުގައި އޮތް ގުޅުމެވެ. އެއްބައިތުން އަނެއް ބައިތައް ބާރުދީ އެހީތެރިކަން ދީފައިވާގޮތުގެ ބަދަހި ގުޅުމެވެ. ޅެން އޮތްގޮތަށް ފުރަތަމަ ނަޒަރުން ވިސްނައި ބައިތުތަކުގެ މާނައަށް އެކަނި ބަލައިގެންނެއް މި ގުޅުމެއް ނުފެންނާނެއެވެ. ފާޑުކިޔުމުގެ ކުރީން އަދަބީގޮތުން ތަހުލީލު ކުރަނީ މިފަދަ އެތައް ކަމެއް ދެނެގަތުމަށްޓަކައެވެ. މި ޅެމުގެ ބައިތުތަކުގެ މެދުގައިވާ މި ބަދަހި ގުޅުމުގެ ވާހަކައަކީ މި ޅެމާމެދު ވާހަކަދައްކާ މީހަކު ފާހަގަކުރާންޖެހޭނޭ ކަމެކެވެ. އަދަބީ ތަހުލީލެއްގެ ނަތީޖާ ނެރޭއިރު ނުވަތަ އަދަބީ ގޮތުން ފާޑެއް ކިޔާއިރު މިފަދަ ކަންކަން ފާހަގަކުރާންޖެހޭނެއެވެ. އަދަބީގޮތުން ތަހުލީލުކުރަނީ ފާޑުކިޔުމުގައި )ނުވަތަ ނަގުދުކުރުމުގައި( ފާހަގަކުރާނޭ މިފަދަ އެތައް ކަމެއް ދެނެގަތުމަށް ޓަކައެވެ. ޢަޞްރު ދިޔައީ ގެއްލިގެން... – މަރްޔަމް ސަޢީދު އުސްލޫބީ އޮނިގަނޑުގެ ދެވަނަ މިސާލަކަށް މަތިމަތީން ބަލައިލާނަމެވެ. މި ފަހަރު މި ބައިލަނީ އައްނަބީލާ މަރިޔަމް ސަޢީދުގެ "ޢަޞްރު ދިޔައީ ގެއްލިގެން..."ގެ އުސްލޫބީ އޮނިގަނޑަށެވެ. މި ތާނގައި ބަލައިފައިވާނީ ޅެމުގެ ކޮންމެ ބައިތެއް މި ޅެމުގައި އަދާކޮށްފައިވާ ދައުރަށް އެކަންޏެވެ. 1 .ފުރަތަމަ ބައިތު: ތީމަށް ހުޅުވައިލުން. ފުޅާކޮށް ޅެމުގެ ދާއިރާ ކަނޑައެޅުއްވުން. މުޅި ޅެމުގެ ހުރިހައި މާނައެއް ރަމްޒުކުރާގޮތުން، ހުރިހައި ވާހަކައެއްގެ ޚުލާސާ. 2 .ދެވަނަ ބައިތު: ހާދިސާގެ ފެށުން. 3 .ތިންވަނަ ބައިތު: ގުޅުމެއްގެ ފެށުން. ގުޅިފައިވާ މިންވަރުގެ ބޮޑުކަން. ( މި ބައިތުގައި މިވަނީ ޅެމުގެ ޝުޢޫރުގެ އަނެއް ކޮޅުގައިވާ ފަރާތާ މުޚާޠަބުކޮށްފައި.) 4 .ހަތަރުވަނަ ބައިތު: ކޮންފްލިކްޓް އުފެދުން. ގުޖަޑު ހެދުން. މައްސަލަޖެހުން. 5 .ފަސްވަނަ ބައިތު: ހަތަރުވަނަ ބައިތުގައިވާ ބޮޑު ސިއްރުގެ ހާމަވުން.


27 6 .ހަވަނަ ބައިތު: ޒަމާން މިކަން ހާމަކޮށް ފާޅުކޮށްލުމުގެ ސަބަބުން އެކަމަށް ރައްދުވާ ނުރުހުން. 7 .ހަތްވަނަ ބައިތު: ބަދަހި ގުޅުމެއް ކެނޑިގެން ދިޔަގޮތް. 8 .އަށްވަނަ ބައިތު: އާދޭސް ކުރުމާއި އާދޭހަށް އިޖާބަ ދިނުމުގައި ދެހިތެއްގެ ދެމެދުގައި އޮތް ބޮޑު ޚިލާފެއް. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބޮޑުކަން. 9 .ނުވަވަނަ ބައިތު: އަށްވަނަ ބައިތުން ފާޅުވެގެން ދިޔަ އަސަރުގެ ފުންކަމާއި އެއަށް އޮތް އިޖާބަ. 10 .ދިހަވަނަ ބައިތު: ފުރަތަމަ ބައިތުން ފެށިގެން އުފެދިގެން އައި ފޮނިކަމާއި ދިލަކަމާއި ހޫނުކަމުގެ ޖަޒުބާތާއި ތަޖުރިބާގެ މައްޗަށް ނިންމާ ނިންމުމެއް. 11 .އެގާރަވަނަ ބައިތު: މި ބައިތުން ފެށިގެން ޅެމުގެ ނިޔަލަށް މި އޮތް ހަތަރު ބައިތުގައި ވަނީ، 10ވަނަ ބައިތުގައި އެ ނިންމެވި ނިންމެވުމާ ގުޅިގެން އެގޮތުގައި، )ޅެމުގައި ވާހަކަދައްކާ މީހާ( ހިތްހަމަޖައްސައިގެން އިންކަމާއި އެ ހާލަތުގައި ތަޙައްމަލްކުރެއްވޭ ގަދަފަދަ ވޭނީ އިހުސާސްތަކުގެ ވާހަކަ. 12 .ބާރަވަނަ ބައިތު: މިއީ އިސްވެ ބަޔާންކުރެވުނު ހުރިހައި ކަމެއްގެ ނަތީޖާއެއްގެ ގޮތުން، އެ އަސަރުތަކުގެ ނުފޫޒުގެ ސަބަބުން ޅެމުގައި ވާހަކަދައްކާ މީހާގެ ތޫނު އިހުސާސްތަކާއި، އޭނާގެ ޝަޚްޞުގެ ވަރުގަދަކަމާއި އޭނާގެ ޢަޒުމުގެ ބާރުގަދަކަމާއި، އޭނާގެ ޤުރުބާނީގެ ބޮޑުކަމާއި މަތިވެރިކަން ދައްކައިދިނުމާއެކު، އަދި މި ކަންކަމަށް މެދުވެރިވި އިރު ގަބޫލުކުރެވިފައިވާ ގޮތަށް މީގެ ސަބަބުން އެއްވެސް ބަދަލެއް ނާންނަކަން އިއުލާންކުރުން. 13 .ތޭރަވަނަ ބައިތު: މި ބައިތުގައި ވަނީ ޅެމުގައި ވާހަކަދައްކާ މީހާގެ މަގާމު. އޭނާއަކީ ކޮން ހައިސިއްޔަތެއްގެ ކާކުކަން. 14 .ސާދަވަނަ ބައިތު: މިއީ ޅެން ނިންމާ ބައިތު. މި ބައިތުން ދައްކައިދެނީ ވަދާޢުގެ ވަގުތު. މުޅި މައްސަލަ ނިމޭ ވަގުތު. މި ޅެމުގެ އުސްލޫބީ އޮނިގަނޑުން ވެސް ފާހަގަކުރެވޭ އެންމެ ބޮޑުކަމަކީ ބައިތުތަކުގެ މެދުގައިވާ އިއްތިހާދީ ގުޅުމެވެ. ހަށިގަނޑެއްގެ ގުނަވަންތަކުގެ މެދުގައިވާ އިއްތިހާދީ ގުޅުމުގެ މިސާލުގައި މި ޅެމުގެ ބައިތުތަކުގެ މެދުގައި ވަރުގަދަ ބާރުގަދަ ގުޅުމެއް އުފެދިފައިވާ ގޮތެވެ. އެއް ބައިތުން އަނެއް ބައިތަށް ޖާގަދެވޭ ގޮތެވެ. ބައިތުތައް ތަރުތީބުވެގެން ފަހު ބައިތާ ހަމައަށް ދަތުރުކުރެވިފައިވާ ގޮތެވެ. ހުރިހައި ޝުޢޫރެއްގެ ތެރެއިން ނަފުސާނީ އަސަރުތައް އުސްކުންނުތަކަކަށް އުފުލިފައިވާ ގޮތެވެ. މި އަސަރުތަކުގެ ތެރެއިން ފާޅުވާ އެންމެ ޚާއްސަ ކަމަކީ ބޭރުފުށުގެ މާނައަށްވުރެ ތަނަވަސް، މާނަފުން އަދަބީ އުސްލޫބެކެވެ. ލަފުޒުތަކުގެ ހިޔަނިން ސޫރަވެގެންދާ ރީތި ސުލޫކެވެ. މި ވަރުގަދަ ވޭންދެނިވި ޝުޢޫރުތަކުގައިވާ ކެތްތެރިކަމާއި އަދަބުވެރިކަމުގެ އިންތިހާ ދަރަޖައެވެ. މި ޅެމުން މުޚާޠަބުކުރެވޭ ފަރާތުން ބަދަލުހިއްޕެވުމެއް ނެތްކަމާއި ކަމޭހިއްތެވުމުގެ މަތީ ދަރަޖައެވެ. މިއީ އަދަބީ ތަހުލީލުގެ ތެރެއިން ނެރެ ދައްކާންޖެހޭ ނަތީޖާއެކެވެ. މިފަދަ ނަތީޖާތަކަށް ބަލައި، އެ ޅެމަކަށް ފާޑުކިޔާން އެންމެ މުނާސަބު ތިއަރީއެއް ކަނޑައަޅާނޭ ގޮތް އެނގިގެންދެއެވެ. މިއީ އަދަބީގޮތުން ފާޑުކިޔުމުގެ މަސައްކަތަށް ނުހަނު ފަހިކަން ލިބޭ ސަބަބެކެވެ. އަދަބީ ގޮތުން ތަހުލީލުކުރަނީ މިފަދަ އެތައް ކަމެއްގެ ބޭނުމުގައެވެ. މިތާނގައި ބަޔާންކުރެވިފައި މިވަނީ ޅެމުގެ އުސްލޫބީ އޮނިގަނޑުގެ ދިރާސާއެއްގެ ފުރިހަމަ ނަމޫނާއެއް ނޫނެވެ. ނަމަވެސް މި ފިކުރު އުފައްދައިގެން ވިސްނާނޭގޮތުގެ މިސާލެކެވެ. މި މިސާލުގައި ފާހަގަކޮށްފައިވާ ފަދަ ކަންކަމަށް ބަލައިގެން މިފަދަ މަސައްކަތެއް ފަށައިގަނެ ޅެންޅެމުން ނަމޫނާ ލިބިގަތުމަށް ދީފައިވާ އިރުޝާދުތަކެކެވެ. ޅެމެއްގެ ޚިޔާލު އަންނަހިދު އެ ޚިޔާލު ވަކި ގޮތަކަށް ބައްޓަންކޮށް، އެއިން ޅެމެއް އެކުލަވައިލާނޭ ގޮތުގެ ފިކުރު އުފައްދައިދޭ މަސައްކަތެކެވެ.


28 އުދަވެލީ އިރު "ޅެންވެރިންގެ ދުވަސް" އުފާވެރި ކުރުވަމުން އުދަރެހަށް ވެދުމާ ސަލާމުގެ ދޯދިތައް ރަން ފަތުރަމުން ދުވަހެކޭ ޅެންވެރި ކަތުންނަށް އައި މިއީ އިޢުލާނުކޮށް ހުވަނދު ލައިފިއެ މުޅިފަޒާ ޖައްވާ މިބިން ހިނިތުންވަމުން ކާއިނާތުން ޅެންވެރިންނަށް މަރްޙަބާއޭ ގުގުމަނީ ދާއިމީ ތިޔަ އެކުވެރިންނަށް ހެޔޮ ތަހާނީ އިއްވަމުން ހަނދު އަރައި އަލިކޮށްފިޔޭ ނޫރުން އުޖާލާ ކުރުވަމުން ހަނދުމަކޮށް، ތިޔަ ޝާޢިރުންނަށް މާތް ސަލާމާ ފޮނުވަމުން ތަރިތަކުގެ ރިހި ބެބުޅުމުން ހަސްތީ ޖަރީ ކޮށްލައިފިޔޭ ތަރިކަތައް ޅެންވެރިކަމުގެ ދިރިދާ ދުވަސް ހަމަ އައިހިނދުން ފަލަކުތައް، މަޑިކިލަނބުތައް، އަދި ގުރަހަތައް ވެސް އެ ބުނަނީ ނަލަވެ، ޒީނަތްތެރިވަމޭ މި ދުވަސް ޝަރަފްވެރި ކުރުވަމުން ފެހި ބަހާރީ މޫސުމުގެ ފޭރާން ލަމުން ގުލްޝަންތަކޭ ޖެހިލުމެއްނެތި މާމަލުން ދަސްތާތަކުން ކުރަނީ ވެދުން ބަރިބަރިން ފޮޅެމުން އެދާ ވަސްމީރު މާތައް ގަސްގަހުން ފަރިވަނީ އަދު ޅެންވެރިންނަށް ޢިއްޒަތާ ޝަރަފާ ދެމުން އިޙްތިރާމްގެ މީރު ވަސް ފަތުރައިލަމުން ފިނި ރޯޅިތައް އިޙްތިފާލުތަކޭ އުފާވެރި ކުރުވަނީ ފޮނި މިޔުޒިކުން ބުލްބުލާ މުނިޔާ ގުރާ އެކި ދޫނިތައް އުފަލުން ނިކަން އުލްފަތުގެ ފޮނި ރާގުތައް އިއްވައިދެޔޭ އެބަ އުދުހެމުން ޅެންވެރިންނަށް އަދަބު ތަޢުޒީމާ އެކީ ޤަދަރާ ދެމުން އެންމެ ކުދިކުދި ރާޅު ވެސް ސާހިލްތަކަށް ދެއެ ބޮސްދެމުން ދިވެހި ލޭ ހުރި ކޮންމެ ދަރިޔަކު، ދިވެހި ޤައުމާ ދިވެހިބަސް ދިވެހި އަދަބާ "ޝުކުރުވެރިވޭ "ޅެންވެރިންނަށް" ހެޔޮހިތުން މަރުޙަބާ! ޅެންވެރިންގެ ދުވަސް އާދަމް ޙަލީމް ޢަދުނާން، ޅ. ނައިފަރު


29 އުންމީދުގެ އަލިކަން މި "ބަހާރަށް" ގެނުވައިގެން އުންމީދު އުފައްދާށެ ތަސައްވަރު ކުރަހައިގެން އިރު އޭގެ އަލިން އަލި ފަތުރާހެން މި ފަޒާގައި ދިރުވާށެ ޚިޔާލާ ފިކުރާ އައުކުރުވައިގެން ހަނަފަސް ވިޔަނުމެދީ ކުރިމަގު އާރޯ ވާހެން ތަނަވަސްކުރަމާތޯއެ ސިކުނޑި ތިބެ ހުޅުވައިގެން ދިރުވަން އިތުރަށް ޢަޒުމު އަލުން އައުކުރަމާތޯ ނިރުތައް ރުވަމުން ރޯކުރުމަށް ކާދު އަޅައިގެން ގުލްޒާރުގެ ހުރިހާ މަލަކުން ހާރު ގަތައިގެން "ގުލްފާމު"ގެ އަރިހަށް ވެދުމަށް ދާށެ ހިފައިގެން މާރީތިވި "އޯކިޑު"ގެ އަސަރުހުރި މި ޢަބީރުން ޖާރީކުރަމާތޯއެ ޗަމަން ހިތްވަރުލައިގެން "ރަންތަރިވި އުޖާލާ" ދިރުވައިދެއްވި ޝުޢޫރުން ނަންފުޅު ފަވަމުން މީރުވިހާ ހުވަނދު އަޅައިގެން ""ގައުމުގެ ރުހިމާ" ދެއްކި ތަފާތަށް ތިބެ ވިސްނާ ޝައުގެއް ހިތުގައި އާލާވާހެން ދިރުވައިގެން ނަންތައް ވަކިވަކި ކޮށް ހުރިހައި ނުކިޔުނު ނަމަވެސް ދަންނަވަމެ ޝުކުރު ފަށްފަށްކޮށް މިއަދު ބަހައިގެން މިތުރުންގެ ހިތަށް ފިނިކަން ދޭހެން މި ބަހާރުން އިތުރަށް ގުޅިގެން ފެހިކުރަމާ އަތުގުޅުވައިގެން 31ވަނަ ޅެންވެރީންގެ ދުވަހުގެ ޝުޢޫރު ޢަބްދުއްރަޙީމް ޢަބްދުالله، އަރާއިރު، ލ. ފޮނަދޫ


30


Get in touch

Social

© Copyright 2013 - 2024 MYDOKUMENT.COM - All rights reserved.